ބޯލްޓަން ބޭރުކުރީ އީރާން މައްސަލައިގައި ޓްރަމްޕާ ޚިޔާލުތަފާތުވުމުން
ބޯލްޓަން ބޭރުކުރީ އީރާން މައްސަލައިގައި ޓްރަމްޕާ ޚިޔާލުތަފާތުވުމުން

ވޮޝިންޓަން (ސެޕްޓެމްބަރު 12) - އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުގެ މަގާމުން ޖޯން ބޯލްޓަން ބޭރު ކުރީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާ މެދު ރައީސް ޑޮނަލްޑް ޓްރަމްޕާ ދެމެދު ޚިޔާލު ތަފާތުވުން އުފެދުމުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޯލްޓަން މަގާމުން ދުރުކުރަން ޖެހުނީ ވަރަށް ގިނަ ކަންކަމުގައި ޚިޔާލު ތަފާތުވެގެން ކަމަށް ޓްރަމްޕް ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ބޯލްޓަން ވިދާޅުވެފައި ވަނީ އޭނާ އަމިއްލަ އަށް އިސްތިއުފާ ދިނީ ކަމަށެވެ.

ބޯލްޓަން މަގާމުން ދުރުކުރުމާ ގުޅިގެން އީރާނުން ބުނެފައި ވަނީ ހަނގުރާމަ އަށް ގޮވާލާ ހަރުކަށި މީހުންނާ އެމެރިކާ އިން ދުރުވާން ޖެހޭ ކަމަށެވެ.

ބޯލްޓަން އަކީ އީރާނަށް އެންމެ ބޮޑަށް ޕްރެޝަރު ކުރުމަށް އެމެރިކާ ސަރުކާރުގެ ތެރޭން މަސައްކަތް ކުރި މީހާ އެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތައް އެޅުމަށް ވެސް އެންމެ ބޮޑަށް ބާރު އަޅާފައި ވަނީ ބޯލްޓަން އެވެ.

ބައެއް އޮފިޝަލުން ބުނެފައި ވަނީ ބޯލްޓަން މަސައްކަތް ކުރައްވާފައި ވަނީ ވައިޓް ހައުސްގައި އޭނާގެ އަމިއްލަ "ވެރިކަމެއް" ހިންގަން އުޅޭ ގޮތަށް ކަމަށެވެ. އަދި ގިނަ ކަންކަމުގައި ޓްރަމްޕާ މަޝްވަރާ ނުކުރައްވާ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެ އެވެ.

ބައެއް ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ބޯލްޓަން ބޭރުކުރުމާ އެކު، މި މަހު ބާއްވާ އދ.ގެ އާއްމު މަޖިލިސްގެ ބައްދަލުވުމުގެ ތެރޭގައި ޓްރަމްޕާއި އީރާނުގެ ރައީސް ހަސަން ރޫހާނީ ބައްދަލު ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ.

އެޕްރީލް، 2018 ގައި ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސި ބޯލްޓަން އަކީ އެ މަގާމަށް ހަމަޖެއްސި ތިން ވަނަ ބޭފުޅާ އެވެ. ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަސްއޫލިއްޔަތު މިހާރު ހަވާލުކޮށްފައި ވަނީ ބޯލްޓަންގެ ނައިބު ޗާލްސް ކުޕަމަންއަށެވެ.

ބޯލްޓަން ވަނީ އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރުގެ މަގާމު އޮގަސްޓް 2005 އިން ޑިސެމްބަރު 2006 އަށް އަދާކުރައްވައިފަ އެވެ. އަދި އަންޑަސެކްރެޓަރީ އޮފް ސްޓޭޓުގެ މަގާމު ވަނީ 2001 އިން 2005 އަށް ފުރުއްވައިފަ އެވެ.