ފްލެޓަށް އެދެން ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުވާލަނީ
ފްލެޓަށް އެދެން ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުވާލަނީ

ސްޓެލްކޯ އިން ހަދަމުން އަންނަ ފްލެޓްތަކަށް އެދުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް، މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ރޭ ވިދާޅުވެއްޖެ އެވެ.

ފްލެޓަށް އެދެން ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުވާލަނީ
ފްލެޓަށް އެދެން ސްޓެލްކޯގެ މުވައްޒަފުންނަށް ހުޅުވާލަނީ

ސްޓެލްކޯގެ ސްޓާފް ނައިޓްގައި ވާހަކަދައްކަވަމުން މުގުނީ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނީ ސްޓެލްކޯގެ އެޕާޓްމަންޓް ޓަވަރުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތަށް ސްޓެލްކޯ އިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ލިބޭ ގޮތަށް ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި، ހިޔާ މަޝްރޫއުގެ ތެރެއިން، ފްލެޓް އިމާރާތްކުރަން ފެށީ ކުރީ ސަރުކާރުންނެވެ.

މުގުނީ ވިދާޅުވި ގޮތުގައި މުވައްޒަފުންނަށް ދޭ ހިދުމަަތްތައް ރަނގަޅުކުރުމުގެ ގޮތުން ސްޓާފް ވެލްފެއާ ސެންޓަރެއް ހުޅުވައި ހެލްތު ކެއާ އިންޝިއުރެންސް އިތުރަށް ހަރުދަނާ ކުރާނެ އެވެ.

މީގެ އިތުރުން އާއިލާގެ މީހެއް ނިޔާވެއްޖެ ނަމަ ތިން ދުވަހުގެ ޗުއްޓީއެއް ދިނުމާއި އުމްރާއަށް ދާން 15 ދުވަހުގެ ޗުއްޓީއެއް ދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ ސްޓާފް ނައިޓްގައި އެ ކުންފުނީގެ ފާހަގަކޮށްލެވޭ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނެވެ. މީގެ ތެރޭގައި އެ ކުންފުންނަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ 14 މީހަކަށާއި ކުންފުނީގެ އިސް މުވައްޒަފުންގެ ތެރެއިން ދެ މީހެއްގެ އަގު ވަޒަންކުރުން ހިމެނެ އެވެ. އަދި ސްޓެލްކޯ އިން އެހެން ރަށްރަށުގައި ހިންގާ އިންޖީނުގެތަކުން އެންމެ ފާހަގަކޮށްލެވޭ ހަތަރު މުވައްޒަފަކު ވެސް ހޮވި އެވެ.

ސްޓެލްކޯގެ ހަރަދުގައި މަތީ ތައުލީމުގެ ފުރުސަތު ލިބުނު ފަސް މުވައްޒަފަކަށް ލިޔުން ހަވާލުކުރުން ވެސް ހަފުލާގައި އޮތެވެ.