31 މެއި 2016 - 06:21

ޒަމާންވީ މަޝްހޫރު ސްޕައި ތުރިލާ "ޖޭމްސް ބޮންޑް 007" ފިލްމުތަކުގައި ބޮންޑްގެ ރޯލް ކުޅެކުޅެ، އެ ސީރީޒްގެ ހަތަރު ފިލްމް ކުޅެފައިވާ އެކްޓަރު ޑެނިއަލް ކްރެއިގް މިހާރު ވަރުބަލިވެފައިވާ ކަމަށް އޭނާއާ އެކު ތިން ފިލްމުގައި މަސައްކަތްކުރި ބަތަލާ ޖޫޑީ ޑެންޗް ބުނެފި އެވެ.

ޖޫޑީ، 81، ބުނީ އޭނާ އަށް ގަބޫލުކުރެވޭ ގޮތުގައި "ބޮންޑް" ގެ ރޯލް ކުޅެގެން ޑެނިއަލް މިހާރު ހުރީ މާ ބޮޑަަށް ވެސް ވަރުބަލިވެފަ އެވެ. އެހެންވެ އޭނާ އަށް ބްރޭކެއް ބޭނުންވެ އެވެ.
އިނގިރޭސިވިލާތަށް އުފަން ކްރެއިގް، 48، މިދިޔަ އަހަރު ބުނި ގޮތުގައި ދެން ބޮންޑްގެ ރޯލުން އޭނާ ފެނުން ވަރަށް ނާދިރެވެ.
ބޮންޑްގެ ރޯލް ކުޅެން ދެން އެންމެ އެކަށީގެން ވަނީ ކޮން އެކްޓަރަކުތޯ އެހުމުން ޖޫޑީ ބުނީ އެއަށް ޖަބާވެއް ދޭން ނޭނގޭ ކަމަށެވެ.
"އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ. އެކަން އެނގޭނީ ޕްރޮޑިއުސަރު ބާބަރާ ބްރޮކޮލީ އާއި މައިކަލް ވިންސަލް،" ބޮންޑް ފިލްމް ސްކައި ފޯލްއިން "މަރުވެފައިވާ" ޖޫޑީ ބުންޏެވެ.
ކްރެއިގް ބޮންޑްގެ ރޯލުން އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި "ސްޕެކްޓްރާ" އިންނެވެ. އޭނާ ބޮންޑްގެ ރޯލް ކުޅުނު އަނެއް ތިން ފިލްމަކީ ސްކައިފޯލް (2012)، ކެސިނޯ ރޯޔަލް (2006) އަދި ކްއަންޓަމް އިފް ސޮލެސް (2008) އެވެ.
ހަތަރު ފިލްމުގައި ބޮންޑް ކުޅެގެން ކްރެއިގް ވަނީ 38 މިލިއަން ޑޮލަރު ޖީބަށް ވައްދައިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބޮންޑްގެ ރޯލުން ދެން ފެނުން އެންމެ ގާތީ އެކްޓަރު އިދްރީސް އަލްބާ، 43، އެވެ.
އޭނާ އެ ރޯލަށް ހަމަޖައްސައިފި ނަމަ އެކަން ވެގެން ދާނީ ބޮންޑްގެ ރޯލް ކަޅު އެކްޓަރަކު ކުޅޭ ފުރަތަމަ ފަހަރަށެވެ.