ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ވެސް ކުށަކަށް ހަދަނީ!
ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ވެސް ކުށަކަށް ހަދަނީ!

ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައަޅަން ޓެރަރިޒަމްގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމަނައިފި އެވެ.

ޓެރަރިޒަމްގެ ގާނޫނު މިހާރު އޮންނަ ގޮތުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަކީ ކުށެކެވެ. އެކަމަކު ކުށަކަށް ވަނީ އެފަދަ ހަނގުރާމައެއްގައި ބައިވެރިވުމުން ނުވަތަ ހަނގުރާމައެއްގައި ބައިވެރިވާން ހިނގައްޖެ ނަމަ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލްގައިވާ ގޮތުން ބޭރުގައި ހިނގާ ހަނގުރާމައަކަށް ދިއުމުގެ އިތުރުން ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތި ދިއުމަކީ ނުވަތަ ދާން އުޅުމަކީ ވެސް ކުށެކެވެ. އަދި ހަނގުރާމަވެރި ސަރަހައްދުތަކަކީ ކޮބައިކަން ކަނޑައަޅާނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ކަމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.

އެ ބިލްގައިވާ ގޮތުން ހަނގުރާމައަށް ހިނގައްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވެ އެވެ. ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމުގެ ބާރު ބިލުން ލިބިދެ އެވެ. އަދި އެކަން ކުރަން އުޅެފި ނަމަ ނުވަތަ ބައިވެރިވެއްޖެ ނަމަ، ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ވެސް ބިލްގައި ވަނީ ހިމަނައިފަ އެވެ.

އެކަމަކު ސަރުކާރުން ހުއްދަ ދޭ ހާލަތްތަކުގައި ނުވަތަ ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުވަތަ ކޯޓު އަމުރެއް ތަންފީޒު ކުރަން ނުވަތަ އެހެން ގައުމެއްގެ ސަރުކާރުން ނުވަތަ އދ. އިން ހަވާލުކުރާ މަސައްކަތެއް ކުރުމަށް ނުވަތަ ނޫސްވެރިކަމުގެ މަސައްކަތެއް ކުރުން ފަދަ ކަމެއްގައި އޭގެ ސަރަހައްދަކަށް ދިއުމަކީ، ބިލްގައި އޮތް ގޮތުން، ކުށެއް ނޫނެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވަން ނުވަތަ ނޫސްވެރިކަމުގެ މަސައްކަތެއް ކުރުމަށް ވެސް ހަނގުރާމަވެރި ސަރަހައްދަކަށް ދެވޭނީ އެކަމުގެ ހުއްދަ ސަރުކާރުން ހޯދުމަށް ފަހު އެވެ. އަދި އެ ނޫން ހާލަތްތަކުގައި އެފަދަ ސަރަހައްދަށް ދާ ދިއުމަކީ ހަނގުރާމައަށް ދިއުން ކަމަށް ބެލެވޭނެ ކަމަށް ބިލްގައި ވަނީ ކަނޑައަޅައިފަ އެވެ.

އެ ބިލް އޮތް ގޮތުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތައް ކަނޑައެޅުމަށް ފަހު ކޮންމެ އަހަރަކު އެއް ފަހަރު އެކަން މުރާޖާ ކުރަން ޖެހޭނެ އެވެ.

މީގެ އިތުރުން ޓެރަރިޒަމް ބައެއް ކުށްތަކުގެ ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރާއި ކޯޓު އަމުރެއް ނެތި 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. އަދި ޓެރަރިޒަމްގެ ކުށްތަކުގައި ދައުވާ ކުރުމުގެ މުއްދަތު އިތުރު ކުރަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ. އެގޮތުން ބަންދުގައި ހުރި މީހެއް ނަމަ ދައުވާ ކުރަން ޖެހޭ މުއްދަތު 60 ދުވަހަށް ހަދާ އިރު ބަންދުން ދޫކޮށްލާފައިވާ މީހެއް ނަމަ 90 ދުވަހުގެ ތެރޭގައި ދައުވާ ކުރަން ޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވެ އެވެ.

އާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ އެހެން ބަދަލުތަކުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން ކަފާލާތުގެ ދަށުން ބަންދުން ދޫނުކުރެވޭ ގޮތަށް ކަނޑައެޅުމުގެ އިތުރުން ޓެރަރިޒަމްގެ ބައެއް ކުށްތައް ސާބިތުވާ މީހުންގެ އަދަބު ލުއިކޮށް އަދި މައާފް ނުދެވޭ ގޮތަށް ހެދުން ވެސް ހިމެނެ އެވެ.