މިހާރު 2.6 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ކުރިއަށްދޭ: ޕްލޭނިން
މިހާރު 2.6 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ކުރިއަށްދޭ: ޕްލޭނިން

މިދިޔަ މަހުގެ ނިޔަލަށް ސަރުކާރުން ހަވާލުކުރި ޕްރޮޖެކްޓްތަކުގެ އަގު 2.6 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ނޭޝަނަލް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި "ނުވަ ގަޑި- މީޑިއާއެކު" ގައި ޕްރޮގްރާމް އެންޑް ޕްރޮޖެކްޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަންވަރު އަލީ ވިދާޅުވީ ސަރުކާރުން މަޝްރޫއުތައް ކުރިއަށް ނުގެންދާކަމުގެ ފާޑުކިޔުންތައް އަމާޒުވާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް ވިދާޅުވި އެވެ.

އަންވަރު ވިދާޅުވީ މިހާރު ވެސް ވަރަށް ގިނަ މިނިސްޓްރީތަކުން އެތަނަކާ ގުޅުންހުރި ގިނަ ޕްރޮޖެކްޓުތަކެއް ހިންގަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ޑިފެންސް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި އެންވަޔަރްމަންޓް މިނިސްޓްރީގެ މަޝްރޫއުތައް ހިމެނެ އެވެ.

އެ މިނިސްޓްރީން ހިއްސާކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް، އެންމެ ގިނަ މަޝްރޫއު ހަވާލުކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީންނެވެ. ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ މަސައްކަތްތަކަށް 283 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ. ދެން އެންމެ ގިނަ މަޝްރޫއު ހަވާލުކޮށްފައިވަނީ ހައުސިން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ވަނީ 261 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފަ އެވެ.

އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލަން ތައްޔާރުވަމުން އަންނައިރު، އަންނަ އަހަރުގެ ތެރޭގައި ވެސް އުމްރާނީ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާނެ ކަމަށް އަންވަރު ވިދާޅުވި އެވެ.