14 ސެޕްޓެމްބަރ 2019 - 09:02

ރޭލު ސްޓޭޝަނެއްގައި ކީ ލަވައަކުން ކުއްލިއަކަށް ބޮޑު މަޝްހޫރު ކަމެއް ލިބުނު ރާނޫ މޮންޑާލް ރިކޯޑްކުރި ފުރަތަމަ ލަވަ ވީޑިއޯއާ އެކު ދައްކާލައިފި އެވެ.
މި ލަވަ އަކީ މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ/އެކްޓަރު ހިމޭޝް ރޭޝަމިއާގެ ކުރިއަށް އޮތް ފިލްމު "ހެޕީ ހާންޑީ އެންޑް ހީރް" ގެ "ތޭރީ މޭރީ ކަހާނީ" އެވެ. ރާނޫ ރެކޯޑްކުރި ލަވައަކީ ހިމޭޝްއާ އެކު ކިޔާފައިވާ ޑުއެޓެކެވެ. އަދި މިއީ ރާނޫ ރަސްމީކޮށް ރިކޯޑްކުރި ފުރަތަމަ ލަވަ އެވެ.
ލަވައިގެ ވީޑިއޯ އިން "ހެޕީ ހާޑީ އެންޑް ހީރު" ގެ މަންޒަރުތަކުގެ ތެރެއަށް ހިމޭޝްއާ އެކު ރާނޫ ލަވަ ރެކޯޑް ކުރިއިރު ނަގައި ކުރިން ވެސް އާންމުކޮށްފައިވާ ވީޑިއޯގެ ތަންކޮޅެއް ވެސް ހިމަނާފައިވެ އެވެ. "ތޭރީ މޭރީ ކަހާނީ" މަންޒަރުތަކާ އެކު ދައްކައިލުމުން ލަވައިގެ ރީތިކަން އިތުރަށް ގެނެސްދެ އެވެ. އަދި ރާނޫގެ އަޑަކީ ހަމަ ވަރަށް ވެސް ޗާލު ޕްލޭބެކް އަޑެއްކަން އޭނާ ލަވަކިޔާފައިވާ ގޮތުން އެނގެ އެވެ.
ލަވަ ލޯންޗްކުރަން ބޭއްވި ހަފުލާގައި ވެސް ރާނޫ ފިލްމުގެ ޓީމާ އެކު ބައިވެރިވެ، ނޫސްވެރިންނަށް ހުނަރު ދައްކާލި އެވެ. އަދި އެ އިވެންޓްގައި ވެސް ހިމޭޝް ރާނޫ އަށް ވަރަށް ތައުރީފުކުރި އެވެ.
ހިމޭޝް ޑަބަލް ރޯލެއް ކުޅެފައިވާ "ހެޕީ ހާޑީ އެންޑް ހީރް" އަކީ ރާކާ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ ސޯނިއާ މަން އެވެ.
އަންނަ ޑިސެމްބަރު މަހުގެ 27 ގައި ފިލްމު ރިލީޒްކުރަން ނިންމާފައިވާ އިރު، ރާނޫ ކިޔައިދީފައިވާ ލަވައިގެ ސަބަބުން ފިލްމަސް ބެލުންތެރިން ކުރާ އިންތިޒާރު ބޮޑުވާނެ ކަމަށް ބެލެވެ އެވެ. އޭނާ އެ ފިލްމަށް ރިކޯޑްކުރީ އެންމެ ލަވައެއް ވެސް ނޫނެވެ.
"ތޭރީ މޭރީ ކަހާނީ" ލަވަ އަށް ފަހު، ހިމޭޝް ވަނީ ފިލްމުގެ އިތުރު ލަވައެއް ވެސް ރާނޫ ލައްވައި ރެކޯޑް ކުރުވައިފަ އެވެ. އެ ލަވައިގެ ނަމަކީ "އާދަތު" އެވެ. އެ ލަވައިގެ ރިކޯޑިންގެ ތެރެއިން ވެސް ނަގާފައިވާ ވީޑިއޯކޮޅެއް ހިމޭޝް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.
ރާނޫ އަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ކަލްކަތާގެ ރަނާގަޓް ރޭލު ސްޓޭޝަނުގައި އިނދެގެން، ލަތާ މަންގޭޝްކަރްގެ ކުރީގެ ލަވައެއް ކަމަށްވާ "އެކް ޕިޔާރް ކަ ނަގްމާ ހޭ" ކިޔަނިކޮށް މީހަކު ވީޑިއޯކޮށް، ސޯޝަލް މީޑިއާގައި އާންމުކުރުމުންނެވެ. އެގޮތުން ހިމޭޝްވެފައި ވަނީ ރާނޫ އަށް ފުރަތަމަ ފުރުސަތު ދިން ފަންނާނަށެވެ.
ރާނޫގެ ލަވަކިޔުމުގެ ހުނަރު ފެނިފައި އޭނާ ބުނީ ރާނޫ ކުރިއަރުވަން ވަރަށް މަސައްކަތްކުރާނެ ކަމަށެވެ.
ރާނޫ ވެސް ދާދި ފަހުން ބުނިގޮތިގައި ފިލްމުތަކަށް ލަވަ ރިކޯޑްކޮށް ދޭން ގިނަ ފުރުސަތުތަކެއް އަންނަނީ އޮހެމުންނެވެ. މިއާއެކު އޭނާ ކުރިން އުޅުނު ނިކަމެތި ދިރިއުޅުމަށް ބޮޑު އުފާވެރި ކަމެއް ވެސް ވަނީ ގެނުވައިފަ އެވެ.