މުސާރަ ނުދީގެން ސައުދީ ހޮސްޕިޓަލެއްގެ މުވައްޒަފުން މުޒާހަރާކޮށްފި
މުސާރަ ނުދީގެން ސައުދީ ހޮސްޕިޓަލެއްގެ މުވައްޒަފުން މުޒާހަރާކޮށްފި

ރިޔާޒް (ސެޕްޓެމްބަރު 21) - މުސާރަ ނުލިބިގެން ސައުދީ އަރަބިއާގެ އިރުމަތީ ހިސާބެއްގެ ހޮސްޕިޓަލެއްގެ މުވައްޒަފުން މުޒާހަރާކޮށްފި އެވެ.

އަލް ޚޯބަރު ސިޓީގެ ސާދު ސްޕެޝަލިސްޓް ހޮސްޕިޓަލުގެ ނަރުހަކު ބުނީ އެ މީހުންނަށް މުސާރަ ނުލިބޭތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. އޭނާ ބުނީ އެ ހޮސްޕިޓަލުގެ 1،200 އަށް ވުރެ ގިނަ ނަރުހުން ހަޅުތާލުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ އޯޕީޑީ ވެސް ހުއްޓާލާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ހޮސްޕިޓަލުން ބުނީ އީދުގައި މުސާރަ ލިބޭނެ ކަމަށް. އެކަމަކު އެކައްޗަށް ވެސް ނުލިބޭ،" ނަރުސް ބުންޏެވެ.

ހޮސްޕިޓަލުގެ ގާތްގަނޑަކަށް 150 މުވައްޒަފުން މިދިޔަ ހޯމަ ދުވަހު ވަނީ މަސައްކަތަށް ނުނިކުމެ ހޮސްޕިޓަލުގެ ބޭރުގައި އިހުތިޖާޖްކޮށްފަ އެވެ.

"ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ދަނީ މުސާރަ މައްސަލާގައި މުޒާހަރާ ކުރަމުން،" އެ ހޮސްޕިޓަލުގެ ސެކިއުރިޓީ ގާޑަކު އޭއެފްޕީ އަށް ބުންޏެވެ.

މުވައްޒަފުން މުޒާހަރާ ކުރަމުން ދަނީ ސައުދީގެ ސާދު ޕްރޫޕުން ހިންގާ ހޮސްޕިޓަލެއްގަ އެވެ. މިއީ ސައުދީގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކުގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ކުންފުންޏެކެވެ. ސައުދީ ބިލިއަނަރު މާން އަލް ސަނާ މި ކުންފުނި އުފެއްދީ އަލްގޮސާބީ އާއިލާގެ ވިޔަފާރިއާ ވަކިވެގެންނެވެ.

ސައުދީ އަރަބިއާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަން ދަނީ އަމިއްލަ ކުންފުނިތަކަށް ވެސް ފޯރަމުންނެވެ. ސައުދީގެ ކޮންސްޓްރަކްޝަން ކުންފުނިތަކަށް ވެސް މުސާރަ ދިނުމަށް މި އަހަރު ވަނީ ދަތިތައް ދިމާވެފަ އެވެ. ކުންފުނިތަކަށް މުސާރަ ދޭން ދަތިވެފައި ވަނީ ސަރުކާރުން ލިބެން ޖެހޭ ފައިސާ ނުލިބިގެން ކަމަށްވެ އެވެ. ތެލުގެ އަގު ދަށަށް ދާން ފެށުމުން ސައުދީ އަށް ލިބޭ އާމްދަނީ ވަނީ ދަށްވެފަ އެވެ.