ޓެރަރިޒަމް ގާނޫނުތައް ހަދަނީ ޓެރަރިސްޓް އަމަލުތަކަށް ފުރުސަތު ނުދޭން: މާރިޔާ
ޓެރަރިޒަމް ގާނޫނުތައް ހަދަނީ ޓެރަރިސްޓް އަމަލުތަކަށް ފުރުސަތު ނުދޭން: މާރިޔާ

ޓެރަރިޒަމްގެ ގާނޫނުތައް ހަދަނީ ޓެރަރިސްޓް އަމަލުތައް ހިންގަން ފުރުސަތު ނުދޭން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މާރިޔާ އެގޮތަށް ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ގެންނަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ މެދު ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ފާޑު ވިދާޅުވުމުންނެވެ. ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކުރުމަކީ ކުށަކަށް ހަދަންޖެހޭ ކަމަށާއި އެކަމަކު މަގްސަދު ވަޒަން ނުކޮށް، ހަމައެކަނި ދައްކާ ވާހަކައަކަށް ބިނާކޮށް ކުށްވެރިވާ ގޮތަށް ގާނޫނު ހެދުމަކީ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފް ކަމެއް ކަމަށް ޝަހީދު ކުރެއްވި ޓްވީޓެއްގައިވެ އެވެ.

އެކަމާ ގުޅިގެން މާރިޔާ ކުރެއްވި ޓްވީޓެއްގައިވަނީ ޖިނާއީ އަދުލުގެ ނިޒާމުގެ ގާނޫނުތަކަކީ ކުށެއް ކުރުމުން އެކަމަށް ދައުލަތުން ދޭ ޖަވާބު ކަމަށާއި އެކަމަކު ޓެރަރިޒަމްގެ ގާނޫނުތައް ހަދަނީ ސްރީލަންކާގައި ދިން ބޮން ގޮއްވުމުގެ ހާދިސާ ފަދަ ޓެރަރިސްޓް އަމަލުތަކަށް ފުރުސަތު ނުދޭން ކަމަށް މާރިޔާގެ ޓްވީޓްގައިވެ އެވެ. އެހެން ގައުމުތަކުގައި ވެސް، ޓެރަރިޒަމްގެ ގާނޫނުތަކަށް އިންސާނީ ހައްގުތަކުގެ މީހުން ފާޑު ކިޔާ ކަމަށް ވެސް މާރިޔާގެ ޓްވީޓްގައިވެ އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލްގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވާފައި ވާއިރު، އެ ބިލް އޮތްގޮތުން ޓެރަރިޒަމްގެ ކުށްތަކުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދިނުމުގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް ޚިޔާލު ފާޅު ކުރުން ވެސް ކުށެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.