ޕްރޭނާ ވެސް އެކްތާ ކަޕޫރްގެ ވެބް ސީރީޒަކަށް
ޕްރޭނާ ވެސް އެކްތާ ކަޕޫރްގެ ވެބް ސީރީޒަކަށް

ދިވްޔަންކާ ތުރިޕަތީ އާއި ޖެނިފާ ވިންގެޓާއި ސާކްސީ ތަންވަރާއި އަދި މޯނާ ސިންގް ފަދަ މަޝްހޫރު އެތައް ޓީވީ ބަތަލާއިންނެއް ވެބް ސީރީޒްތަކަށް މިސްރާބު ޖަހާފައި ވަނިކޮށް، އެރިކާ ފެނަންޑޭޒް ވެސް ވެބް ސީރީޒަކޮށް ސޮއިކޮށްފި އެވެ.

ސްޓާ ޕްލަސް އިން މިހާރު ދައްކާ އެކްތާ ކަޕޫރްގެ ސިލްސިލާ "ކަސޯޓީ" ގައި ޕްރޭނާގެ ރޯލް ކުޅޭ ބަތަލާ ސޮއިކޮށްފައި ވަނީ ވެސް އެކްތާގެ ވެބް ސީރީޒަކަށެވެ. އޭނާގެ ޑިޖިޓަލް ޕްލެޓްފޯމް އޯލްޓް ބަލާޖީ އަށް އެރިކާ ސޮއިކުރި ވެބް ސީރީޒްގެ މުގުލުގައި ހުރީ މިދިޔަ އަހަރު "ބިގް ބޮސް 12" ގައި ވާދަކުރި ޕްރޮޑިއުސަރު ވިކާސް ގުޕްތާ އެވެ.

އޭނާއާ ގުޅިގެން ވެބް ސީރީޒެއް އެރިކާ ފެނަންޑޭޒާ އެެކު ހަދާކަން އެކްތާ އިންސްޓަގްރާމްގައި ހިއްސާކުރި ނަމަވެސް އެއާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ.

އެރިކާ، 26، އަކީ 2016 ވަނަ އަހަރު ސޮނީ ޓީވީގެ ސިލްސިލާ "ކުޗް ރަންގް ޕިޔާރު ކޭ އެއިސޭ ބީ" އިން ވިދައިލި ބަތަލާއެކެވެ. ސިލްސިލާތައް ކުޅެން ފެށުމުގެ ކުރިން އޭނާ އިންޑިއާގެ އެކި ބަހުން ހަދާ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވެ އެވެ.

އޭގެ ތެރޭގައި 2014 ގެ ހިންދީ ފިލްމު "ބަބްލޫ ހެޕީ ހޭ" ވެސް ހިމެނެ އެވެ.