ވޮންޑަވުމަންގެ ރޯލް ކުޅުނު ގަލް ގެޑޯއާ އެކު އަލީ ފަޒަލް
ވޮންޑަވުމަންގެ ރޯލް ކުޅުނު ގަލް ގެޑޯއާ އެކު އަލީ ފަޒަލް

ބޮލީވުޑްގެ ޒުވާން އެކްޓަރު އަލީ ފަޒަލް އަށް ހޮލީވުޑްގެ ފިލްމުތައް މިހާރަކު އަލެއް ނޫނެވެ. އޭނާ މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2015 ގައި ރިލީޒްކުރި "ފާސްޓް އެންޑް ފިއުރިއަސް 7" އާއި 2017 ގެ "ވިކްޓޯރިއާ އެންޑް އަބްދުލް" ހިމެނެ އެވެ.

ބަތަލާ ރިޗާ ޗައްޑާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަލީ މިހާރު ވަނީ އަނެއްކާ ވެސް ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފަ އެވެ. އުމުރުން މިހާރު 32 އަހަރުގެ އެކްޓަރު ސޮއިކުރީ "ވޮންޑަވުމަން" ގެ ބަތަލާ ގަލް ގެޑޯއާ އެކު ކުޅޭ ފިލްމަކަށެވެ.

"މާޑާ އޮން ދި އޮރިއެންޓް ޕްރެސް" ގެ ޑައިރެކްޓަރު ކެނެތު ބްރެނާ ޑައިރެކްޓްކުރާ މި ފިލްމަކީ ލިޔުންތެރިޔާ އަގާތާ ކްރިސްޓީޒްގެ 1937 ގެ ވާހަކަ "ޑެތު އޮން ދަ ނައިލް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. އެ ވާހަކަ ސްކްރީނަށް ގެންނަން ކެނެތު ތައްޔާރުވެފައިވާ އިރު، އޭނާ ޑައިރެކްޓްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ތޯ (2011) އާއި ސިންޑްރެއްލާ (2015) ފާހަގަކޮށްލެވެ އެވެ.

ކެނެތުގެ ފިލްމަށް ސޮއިކުރިކަން ކަށަވަރުކޮށް ދެމުން މި މަހުގެ 20 ގައި ރިލީޒްކުރާ ސަންޖޭ ދަތުގެ "ޕްރަސްތާނަމް" ގެ ކާސްޓްގައި ވެސް ހިމެނޭ އަލީ ބުނީ ކެނެތުގެ ފިލްމުގެ މަސައްކަތް ފަށަން މިހާރު ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި މިއީ އަނެއްކާ ވެސް އާ ތަޖުރިބާއަކަށް ވާނެ ކަމަށް ބުންޏެވެ.

"އަހަރެން އެންމެ އުފާވީ އަގާތާގެ ވާހަކައަކަށް ހަދާ ފިލްމެއް ކުޅެން ލިބުނީމަ. އަހަންނާއި އަހަރެންގެ މަންމަ އަކީ އޭނަގެ ވަރަށް ބޮޑު ފޭނުންތަކެއް." ފުކްރޭ އާއި 3 އިޑިއަޓްސް އަދި ހާމޯޝިޔާ ފަދަ ފިލްމުތައް ކުޅުނު އެކްޓަރު ބުންޏެވެ.

ގަލް އާއި އަލީގެ ފިލްމުގެ ޝޫޓިން މި މަހުގެ ފަހުކޮޅު ލަންޑަނުގައި ފަށަން ވަނީ ހަމަޖެހިފަ އެވެ. އަދި މީގެ މަންޒަރުތައް ޔޫރަޕްގެ އެކި ހިސާބުތަކުގައި ނަގާނެ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ޑައިރެކްޓަރުގެ އިތުރުން އާމީ ހެމާ އާއި ލެޓިޝާ ރައިޓް ހިމެނެ އެވެ.

މައިކަލް ގްރީން ސްކްރީންޕްލޭ ލިޔެފައިވާ "ޑެތު އޮން ދަ ނައިލް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޑިސެމްބަރު 20 ގަ އެވެ.