ޖަޔަލަލީތާގެ ފިލްމު ހުއްޓިއްޖެ ކަމަށް ބުނަން ފަށައިފި
ޖަޔަލަލީތާގެ ފިލްމު ހުއްޓިއްޖެ ކަމަށް ބުނަން ފަށައިފި

އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ވާހަކަ ކިޔައިދޭ ފިލްމު "ތަލައިވީ" އަށް ބަޖެޓްގެ ތާށިކަން ކުރިމަތިވެ، ފިލްމުގެ މަސައްކަތް ތާވަލުކުރި ގޮތަށް ކުރިއަށް ނުގެންދެވި ހުއްޓުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖަޔަލަލީތާގެ ފިލްމު ހުއްޓިއްޖެ ކަމަށް ބުނަން ފަށައިފި
ޖަޔަލަލީތާގެ ފިލްމު ހުއްޓިއްޖެ ކަމަށް ބުނަން ފަށައިފި

ކަންގަނާ ރަނާވަތު، ޖަޔަލަލީތާގެ ރޯލް ކުޅޭ ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާ ގޮތަށް ނިންމާފައި އޮތަސް، ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ފިލްމުގެ މަސައްކަތް ފެށިދާނެކަމާ ދޭތެރޭ ސުވާލު އުފެދޭ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

ތަމަޅަ ބަހާއި ހިންދީ ބަހުން ހަދާ "ތަލައިވީ" 55 ކްރޯޑް ރުޕީސް (7.7 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދަން ނިންމާފައިވާ އިރު، ފިލްމަށް ކަންގަނާ ސޮއިކުރީ 20 ކްރޯޑް ރުޕީސް (2.8 މިލިއަން ޑޮލަރު) އަށް ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވަސް ފިލްމަށް ކަނޑައެޅި ބަޖެޓް ހަމަނުޖެހޭތީ، "ތަލައިވީ" ގެ މަސައްކަތަށް ވާނެ ގޮތަކާ ދޭތެރޭ ސުވާލު އުފެދިފައިވާ ކަމަށް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުންޏެވެ. މިފަދަ މައްސަލައެއް މި ފިލްމަށް ކުރިމަތިވި އިރު ކަންގަނާ ފިލްމަށް ތައްޔާރުވުމުގެ ގޮތުން ތަމަޅަ ބަހާއި ކަތަކް ޑާންސް ދަސްކުރުމުގެ ޓްރޭނިންތަކެއް ހަދާތާ ވެސް މިހާރު ދެ މަހެއްހާ ދުވަސްވެއްޖެ އެވެ.

"ތަލައިވީ" އަކީ ސައުތުގެ ޑައިރެކްޓަރު އޭއެލް ވިޖޭ ޑައިރެކްޓްކުރާ ފިލްމެކެވެ.

މީގެ ތިން އަހަރު ކުރިން ހާޓްއެޓޭކެއް ޖެހިވަޑައިގެން ފަރުވާ ދެމުން ދަނިކޮށް އަވަހާރި ޖަޔަލަލީތާގެ ފިލްމެއް ހަދަން ނިންމި އިރު، ދާދި ފަހުން ތަމަޅަ ޑައިރެކްޓަރު ގޯތަމް ވަސޫދޭވް މެނަން ވަނީ އެކަމަނާގެ ވާހަކަ ކިޔައިފޭ ވެބް ސީރީޒެއް ހަދަން ނިންމާފައިވަކަން އިއުލާންކޮށްފަ އެވެ.

ބައެއް މީޑިއާތަކުން ބުނާގޮތުގައި "ތަލައިވީ" އަށް ހުއްޓުމެއް އައި އެއް ސަބަބަކީ މެނަންގެ ވެބް ސީރީޒެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ފިލްމުގެ ޓީމުން ރަސްމީކޮށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އެކަމަކު ކަންގަނާގެ ތަރުޖަމާނެއްގެ ދައުރު އަދާކުރާ އޭނާގެ ދައްތަ ރަންގޯލީ ޗަންދެލް ޓްވިޓާގައި ފިލްމާ ބެހޭ ގޮތުން ނޫހެއްގައި ލިޔެފައިވާ އާޓިކަލެއް ޓެގްކޮށް ބުނީ "ތަލައިވީ" ހުއްޓުމަށް އައި ކަމަށް ބުނާ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.