12 ސެޕްޓެމްބަރ 2019 - 00:54

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރިޔާސީ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓު އާއްމުކުރީ ރަނގަޅު ނިޔަތެއްގައިތޯ ސުވާލު އުފެދޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ޖޭޕީއާ މެމްބަރުންތަކެއް އަލަށް ގުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާމިނގިލީ ދާއިރާގެ މެމްބަރު ވިދާޅުވީ މަރާލާފައިވާ މީހުންނާއި ވަގަށް ނަގާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ ރިޕޯޓު، ނިމުމަކާ ހަމައަށް ނުދަނީސް އެކަން ހާމަކޮށްގެން ނުވާނެ ކަމަށެވެ. އެހެން ނޫންނަމަ އޭގައި އެޅިދާނެ ވަރަށް ބޮޑު ހުރަސްތަކެއް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އޭނާ އަށް ވެސް ރިޕޯޓު ލިބިވަޑައިގަތް ކަމަށާއި އެކަމަކު އެއްވެސް މީހަކަށް އެ ދައްކާފައިނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޝަރީއަތުގައި އޮންނަ މައްސަލައަކާއި ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅޭގޮތުން އެއްވެސް މީހެއްގެ އަތުގައި އޮންނަ ލިޔެކިޔުމެއް ލީކު ކުރުމަކީ އެކަކު ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
ވަކި ބޭފުޅެއްގެ ނަން ހާމަނުކޮށް ގާސިމް ވިދާޅުވީ ރިޕޯޓު އާއްމުކުރުމުން ހެކިދޭން ހުންނަ މީހާ ހެކި ދިނުމުގައި އުނދަގޫތަކެއް ދިމާވާނެ ކަމަށެވެ. އެހެންކަމުން އެއީ ރަނގަޅު ނިޔަތެއްގައި ކުރި ކަމެއްތޯ ސުވާލު އުފެދެންޖެހޭ ކަމަށް ވިދާޅުވި އެވެ.
ވަގަށް ނަގާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު، އެ ކޮމިޝަނުން ވަނީ ނަޝީދަށް އަރުވައިފަ އެވެ. އެމަނިކުފާނު ވަނީ ގާސިމް ވެސް ހިމެނޭގޮތަށް މަޖިލީހުގެ ޕާލިމަންޓަރީ ގްރޫޕުތަކުގެ ލީޑަރުންނަށް އެ ރިޕޯޓު ހިއްސާކުރައްވައިފަ އެވެ.
ސޯޝަލް މީޑިއާގައި ސަލާމަތީ ބާރުތަކަށް ކިޔަމުންދާ ފާޑުކިޔުންތަކަށް ވެސް ގާސިމް ވަނީ ރައްދުދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ގައުމެއްގައި އަމާންކަމާއި މިނިވަންކަން އޮންނާނީ އެ ގައުމެއްގައި ފުލުހުންނާއި ސިފައިންގެ މަސައްކަތުން ކަމަށެވެ. އެހެންކަމުން އެ މީހުންނަށް އެއްޗެހި ކިޔައިގެން ދެކޮޅު ޖެއްސޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސޯޝަލް މީޑިއާގައި ފުލުހުންނަށް ޖެއްސުންކޮށް ފާޑުކިޔަނީ ކޮން ބައެއްކަން އެނގޭ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށެވެ.
ނުފޫޒެއް އޮވެގެން ވަކި ކަންތަކެއް ނުވެ ހިނގައިދާނެ ކަމަށާއި ނަމަވެސް އެއީ މުޅި މުވައްސަސާ ބަދުނާމުކުރަންޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. ފުލުހުން ފާރަލާކަމަށް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ "މިހުރީ ހަޑިހުތުރު ވާހަކަ" ކަމަށެވެ.
"ސިފައިންނާއި ފުލުހުން އަދި ޝަރުއީ ކޯޓުތަކާ ބެހޭގޮތުން ދައްކާ ހަޑިހުތުރު ވާހަކައާ މި ކަންތައްތަކަކީ އެއްގޮތަކަށް ވެސް މަސްލަހަތު ގެއްލިގެންދާނެ، ގައުމުގައި ހަމަނުޖެހުން އަތުވެދާނެ ގޮތަކަށް ކަންތައް ކޮށްގެންވާނެ ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.