20 ސެޕްޓެމްބަރ 2016 - 14:09

ޕެރިސް (ސެޕްޓެމްބަރު 20) - ފީފާއާ ވަކިވި ނަމަވެސް، ގަވާއިދަށް ބަދަލުތަކެއް ގެނެސް ބެލޮންޑިއޯ އެވޯޑް ކުރިއަށްގެންދާނެ ކަމަށް ފްރާންސް ފުޓްބޯލް މަޖައްލާ އިން ބުނެފި އެވެ.
ފްރާންސް ފުޓްބޯލް އިން 1956 ވަނަ އަހަރުން ފެށިގެން ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އައި އެވޯޑާ ފީފާ އިން ގުޅުނީ 2009 ވަނަ އަހަރު އެވެ. އެއާ އެކު، ފީފާ އިން 1991 ވަނަ އަހަރުން ފެށިގެން ހޮވަމުން އައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ބެލޮންޑިއޯ އެއްކޮށްލުމަށް ފަހު "ފީފާ ބެލޮންޑިއޯ" އެވޯޑް ތައާރަފްކުރި އެވެ. އެކަމަކު މިހާރު ފީފާ އިން ވަނީ ބެލޮންޑިއޯއާ ވަކިވެ އާ އެވޯޑެއް ތައާރަފްކުރަން ނިންމައިފަ އެވެ.
ފްރާންސް ފުޓްބޯލް އިން ބުނީ ކުރިއަށް އޮތްތަނުގައި ބެލޮންޑިއޯ އެވޯޑަށް ވޯޓް ދޭނީ، ހަމައެކަނި ނޫސްވެރިން ކަމަށެވެ. މިދިޔަ ހަ އަހަރު ނޫސްވެރިންގެ އިތުރުން ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން ވެސް ވޯޓް ދިނެވެ.
މީގެ އިތުރުން ފްރާންސް ފުޓްބޯލް އިން ބުނީ ދެން ޝޯޓްލިސްޓް ކުރާނީ 23 ކުޅުންތެރިންގެ ބަދަލުގައި 30 ކުޅުންތެރިން ކަމަށާއި އަދި އެވޯޑުގެ ކުރިން ގަދަ ތިން ކުޅުންތެރިންގެ ނަންތައް އިއުލާންނުކުރާނެ ކަމަށެވެ.
މީގެ ކުރިން ޖެނުއަރީ މަހު އެވޯޑް ދިން ނަމަވެސް ދެން މި އެވޯޑް ހަވާލުކުރުން ބާއްވާނީ އަހަރުގެ ފަހުކޮޅު އެވެ.
ބެލޮންޑިއޯ އެވޯޑް އެންމެ ގިނައިން ހޯދާފައިވަނީ ފަސް ފަހަރު ހޯދާފައިވާ ބާސެލޯނާގެ ލިއޮނަލް މެސީ އެވެ. ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ފްރާންސްގެ މިޝޭލް ޕްލެޓިނީ އާއި ނެދަލެންޑްސްގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ޔޮހާން ކްރައިފް އަދި މާކޯ ވޭން ބާސްޓެން ވަނީ މި އެވޯޑް ތިން ފަހަރު ހާސިލްކޮށްފަ އެވެ.