11 ސެޕްޓެމްބަރ 2019 - 17:31

މަރަލާފައިވާ ރ. މީދޫގެ ޒުވާނެއް ކަމުގައިވާ މުހައްމަދު އަނަސް އަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، މީދޫއަށް ވަޑައިގެން އެމަނިިކުފާނު ވަނީ އެ ރަށުގެ އިދާރާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގެ ހަވާސާގައި، ރަށުގެ ރައްޔިތުން ރައީސްއާ ވަކިން ބައްދަލުކުރައްވައި އަނަސް އަށް އިންސާފު ހޯދައިދިނުމަށް އެދިފައިވެ އެވެ.
އެ އާއިލާއަށާއި އަނަސްގެ ރަހުމަތްތެރިންނަށް ހިތްވަރުދެއްވައި އެމަނިކުފާނު ވިދާޅުވީ މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އަނަސްގެ އާއިލާ އަށް އިންސާފު ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.
މީގެ ދެ އަހަރުކުރިން ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ހުއްޓާ ވަޅި ޖަހައި އަނަސް މަރާލި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާކުރި އެވެ. އޭގެތެރޭގައި ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށައިފަ އެވެ.