11 ސެޕްޓެމްބަރ 2019 - 16:56

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރު މި މަހު 19 އަށް ތާވަލްކޮށްފި އެވެ.
މިއީ ފޮރިން މިނިސްޓަރުގެ މަގާމާ ޝާހިދު މިދިޔަ ނޮވެމްބަރު މަހު ހަވާލުވެވަޑައިގަތުމަށް ފަހު ޗައިނާ އަށް ކުރައްވާ ފުރަތަމަ ދަތުރެވެ. ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރަކީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވާންގް ޔީ ގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.
މި ދަތުރުގައި ޗައިނާގެ ނައިބު ރައީސް މރ. ވަންގް ގީޝާން އާއި ފޮރިން މިނިސްޓަރު ވާންގް ޔީއާ ޝާހިދު ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އެ ގައުމުގެ ފޮރިން މިނިސްޓަރާ އެކު ޝާހިދު ބާއްވަވާ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތާ މެދު މަޝްވަރާކުރައްވާނެ އެވެ. އަދި އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ޗައިނާ އަކީ ރާއްޖޭގެ ތަރައްގީ އަށް މުހިއްމު ބައިވެރިއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ރާއްޖެ އިން ދަމަހައްޓަމުން އަންނަ "ވަން ޗައިނާ" ޕޮލިސީ ހިފަހައްޓާނެ ކަމަށާއި އެ ގައުމުގެ "ބެލްޓް އެންޑް ރޯޑް އިނިޝިއެޓިވް" ގެ ބައިވެރިއެއްގެ ގޮތުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ ކުރިން ވެސް ރަސްމީ ދަތުރެއްގައި ޝާހިދު ޗައިނާ އަށް ވަޑައިގަތުމަށް ތާވަލްކުރި އެވެ. މިދިޔަ ޖޫން މަހު އެ ގައުމަށް ވަޑައިގަންނަވަން ހަމަޖެއްސި ނަމަވެސް، ތަފާތު ސަބަބުތަކާ ގުޅިގެން އެ ދަތުރު ފަސްކުރީ އެވެ.