12 ސެޕްޓެމްބަރ 2019 - 08:11

މީގެ ކުރިން ބޮލީވުޑްގެ ބައެއް ފިލްމުތަކާ ދެކޮޅަށް ވެސް މުޒާހަރާތަކެއް ކޮށްފައިވާ އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ޝިވް ސެނާ އިން، މަޝްހޫރު ސްޓްރީމިން ފްލެޓްފޯމް ނެޓްފްލިކްސްއާ ދެކޮޅަށް ނުކުމެއްޖެ އެވެ.
އެ ޕާޓީގެ އައިޓީ ސެލް އިން މުމްބާއީގެ އެލްޓީ މަރްގް ޕޮލިސް ސްޓޭޝަނަށް ނެޓްފްލިކްސްއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ބުނީ މި ފަހަކަށް އައިސް ނެޓްފްލިކްސް އިން އިންޑިއާގެ މޫނުމަތި ހަރާބުވާ ކަހަލަ އުފެއްދުންތަކާއި ހިންދޫ ދީނަށް ފުރައްސާރަކުރަން ހިތްވަރުދޭ ޒާތުގެ ޝޯތައް ގެނެސްދޭ ކަމަށެވެ.
އެގޮތުން ނެޓްފްލިކްސް އިން އިންޑިއާގެ އޮރިޖިނަލް ކޮންޓެންޓްގެ ގޮތުގައި ގެނެސްދީފައިވާ ވެބް ސީރީޒްތައް ކަމަށްވާ "ސެކްރެޑް ގޭމްސް" އާއި "ލީލާ" އާއި "ގައުލް" ގެ އިތުރުން ކޮމެޑީ ޝޯ "ޕެޓްރިއަޓް އެކްޓް" އަކީ އިންޑިއާ އަށް ހުތުރެއް ކަމަށް ބުންޏެވެ.
އެހެންވެ މިފަދަ ޝޯތައް މަނާކުރުމަށާއި އެފަދަ ޝޯތައް ގެނެސްދޭ މީހުންނަށް ފިޔަވަޅު ޝިވް ސެނާގެ މެމްބަރު ރަމޭޝް ސޮލާންކީ ހުށަހެޅި މައްސަލާގައި ބުންޏެވެ. އޭނާގެ މައްސަލާގައި ވަކިން ފާހަގަކޮށްފައިވާ ގޮތުގައި ނެޓްފްލިކްސްގެ ޝޯތަކުން އަންނަނީ އިންޑިއާގެ މެޖޯރިޓީ އެ ދީނަކަށް ތަބާވާ ހިންދޫ ދީނާ ދެކޮޅަށް ކެމްޕޭން ކުރަމުންނެވެ.
"އެކި ނަންނަމުގައި ނެޓްފްލިކްސް އިން ގެނެސްދޭ ޝޯތަކުގައި އިންޑިއާގެ މޫނުމަތި ދަނީ ހަރާބުކުރަމުން. އަދި މިއީ ގައުމަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް،" ރަމޭޝް ބުންޏެވެ. "އިންޑިއާއާ މެދު މީހުން ދެކޭ ގޮތަށް ބުރޫއަރާ ކަހަލަ އެތައް އުފެއްދުމެއް ނެޓްފްލިކްސް އިން އެބަ ގެނެސްދޭ. މިއީ ހުއްޓުވަން ޖެހޭ ކަމެއް."
އޭނާ ވަނީ މި މައްސަލަ ޗީފް މިނިސްޓަރު ދެވެންދުރަ ފަދްނާވިސް އާއި މުމްބާއީގެ ޕޮލިސް ކޮމިޝަނަރު ސަންޖޭ ބަރްވޭގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ.
ނެޓްފްލިކްސް އިން ގެނެސްދޭ އިންޑިއާގެ އުފެއްދުންތަކާ ގުޅޭ ގޮތުން ރަމޭޝް ހުށަހެޅި މައްސަލަ އަށް އިޝާރާތްކޮށް، ޖޫން މަހު ސްޓްރީމްކުރި ވެބް ސީރީޒް "ލީލާ" ގެ ސްކްރީންރައިޓަރު ޕެޓްރިކް ގްރަހަމް ބުނީ އެ މީހުންގެ އުފެއްދުންތަކަކީ ހިޔާލީ ކަންތައްތަކެއްގެ މައްޗަށް ގެނެސްދޭ އެއްޗެހި ކަމަށެވެ.
އެހެންވެ މީސްމީހުންގެ ފިކުރީ އުފެއްދުންތައް މަނާކުރަން ގޮވައިލުމުގެ ބަދަލުގައި ކުރަންވީ ކަމަކީ ހަގީގަތް ހާމަކޮށްދޭ ކަހަލަ އުފެއްދުންތައް ގެނެސްދޭން ހިތްވަރު ދިނުން ކަމަށް ބުންޏެވެ.
"އުފެއްދުންތައް މަނާކުރަން ގޮވުމަކީ ޑިމޮކްރަސީގައި އޮންނަ ކަމެއް ނޫން." ޕެޓްރިކް ބުންޏެވެ.
މި ފަހަކަށް އައިސް ނެޓްފްލިކްސް އަންނަނީ އިންޑިއާގެ އެކި ކަހަލަ އުފެއްދުންތައް ގެނެސްދެމުންނެވެ. އަދި ބޮ،ލީވުޑްގެ ނުފޫޒުގަދަ ޕްރޮޑަކްޝަން ހައުސްތަކުން ވެސް އެ ކުންފުންޏާ އެކު އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ފާހަގަކޮށްލެވެ އެވެ.
ނެޓްފްލިކްސްއަކީ އިންޑިއާގައި ބޮޑު މާކެޓެއް އޮތް ފްލެޓްފޯމެކެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ނެޓްފްލިކްސްގެ އިންޑިއާ ސަބްސްކްރައިބަރުންގެ އަދަދު މިހާރު 1.2 މިލިއަނަށް އަރަ އެވެ.