11 ސެޕްޓެމްބަރ 2019 - 11:49

ތެލް އަވީވް (ސެޕްޓެމްބަރު 11) - އަންނަ ހަފުތާގައި އޮންނަ އާއްމު އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އަކީ އިޒްރޭލުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
"އާ ސަރުކާރު އެކުލަވާލުމުގެ ފުރުސަތު ލިބިއްޖެ ނަމަ އަޅުގަނޑު އިއުލާން މިކުރަނީ ޖޯޑަން ވެލީ އާއި ޑެޑް ސީގެ ބައެއް އެއީ އިޒްރޭލުގެ ތަނަކަށް ހަދާނެކަން،" އިޒްރޭލް ޓީވީ ވަގުތުން ދައްކަމުން ދިޔަ ތަގްރީރުގައި ނަތަންޔާހޫ ވިދާޅުވި އެވެ. "އިޒްރޭލުގެ ރައްޔިތުންގެ ކިބައިން ފުރިހަމަ މެންޑޭޓެއް ލިބިއްޖެ ނަމަ ފުރަތަމަ ވެސް އަޅުގަނޑު ކުރާނީ އެކަން."
ޖޯޑަން ވެލީ އާއި ޑެޑް ސީގެ އުތުރުގެ ސަރަހައްދަކީ ހުޅަނގު އައްސޭރީގެ 30 ޕަސެންޓެވެ. އެ ސަރަހައްދުގައި ފަލަސްތީނުގެ 65،000 މީހުންނާއި ގަވާއިދާ ޚިލާފަށް ވަދެ އުޅޭ އިޒްރޭލުގެ 11،000 މީހުން ދިރިއުޅެ އެވެ.
ނަތަންޔާހޫ ކުރަން އުޅޭ ކަންތަކަށް ވައިޓްހައުސް އިން ސަޕޯޓް ކުރާނެތޯ ސުވާލު ކުރުމުން އެމެރިކާގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުގެ ޚާރިޖީ ސިޔާސަތަށް އަދި ބަދަލެއް ނާންނަ ކަމަށެވެ.
ދެހާސް ސަތާރައިގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާ އެމްބަސީ ތެލް އަވީވުން ގުދުސް އަށް ބަދަލުކޮށްފަ އެވެ. އަދި ޒަމާނުއްސުރެ އެމެރިކާ އިން ތަބާވަމުން އައި ސިޔާސަތާ ޚިލާފަށް ޓްރަމްޕް ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ކަނޑައަޅައިފަ އެވެ. އޭގެ ފަހުން ފަލަސްތީނުން ބުނަމުން ދަނީ މެދުއިރުމަތީގެ ސުލްހައިގައި ތެދުވެރިކަމާ އެކު އެމެރިކާ އަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.