ސަލްމާން ޚާން އުފައްދާ ފިލްމެއްގެ ބަތަލަކަށް ފަވާދު ޚާން
ސަލްމާން ޚާން އުފައްދާ ފިލްމެއްގެ ބަތަލަކަށް ފަވާދު ޚާން

"ޚޫބްސޫރަތު" އިން ބޮލީވުޑަށް ތައާރަފްވީއްސުރެ ފަވާދު ޚާން ވަނީ ހިންދީ ފިލްމު އިންޑަސްޓްރީގައި ވަރަށް ރަނގަޅު މަގާމެއް ހޯދާފަ އެވެ. އޭނާގެ ފޭނުން ވެސް އެހާ ގިނަ އެވެ. ޚާއްސަކޮށް އޭނާގެ ރީތިކަމުގެ ޖާދޫގައި ޖެހިފައިވާ އަންހެންކުދިން މިލިއަނުން ގުނާލެވެ އެވެ.

މިހާތަނަށް ފަވާދު ކުޅެފައިވާ އެއްވެސް ފިލްމެއް ނާކާމިޔާބުވެފައެއް ނުވެ އެވެ. ސޯނަމް ކަޕޫރާ އެކު އޭނާ ކުޅުނު ފުރަތަމަ ހިންދީ ފިލްމު "ޚޫބްސޫރަތު" އަކީ ވެސް ހިޓެކެވެ. އޭނާ އެންމެ ފަހުން ކުޅުނު "ކަޕޫރު އެންޑް ސަންސް" އަކީ ވެސް ފުދޭވަރެއްގެ ކާމިޔާބު ފިލްމެކެވެ. ޚާއްސަކޮށް އެ ފިލްމުގައި އޭނާ ކުޅުނު ރޯލަށް ގިނަ ބަޔަކު ތައުރީފު ކޮށްފައިވެ އެވެ.

މިހާރު ފަވާދުގެ އާ ފިލްމެއް ރިލީޒްކުރަން ވަނީ ތައްޔާރުވެފަ އެވެ. އޮކްޓޯބަރު 28 ވަނަ ދުވަހު ރިލީޒްކުރާ "އޭ ދިލް ހެ މުޝްކިލް"ގެ ބަތަލަކީ ރަންބީރު ކަޕޫރު ނަމަވެސް ފިލްމުގައި ފަވާދު ވަނީ ވަރަށް މުހިއްމު ބައެއް އަދާކޮށްފަ އެވެ.

މިހާތަނަށް މުޅީންވެސް ލޯބީގެ ފިލްމުތައް ކުޅެމުންދާ ފަވާދު ދެން އެންމެ އަވަހަށް ކުޅެން ފަށަން ހަމަޖެހިފައި ވަނީ ކެޓުރީނާ ކައިފާ އެކު އޭނާ ކުޅެން ހަމަޖެހިފައިވާ "ރާތު ބާކީ" އެވެ. އަދި ސަލްމާން ޚާންގެ އަމިއްލަ ފިލްމު ކުންފުނިން އުފައްދާ ފިލްމެއްގެ ބަތަލުގެ ބައި ވެސް މިހާރު ފަވާދަށް ލިބި އޭނާ އެ ފިލްމު ކުޅެން ވަނީ އެއްބަސްވެސް ވެފަ އެވެ. މިއީ ނިތިން ކައްކަރް ޑައިރެކްޓްކުރާ ފިލްމެކެވެ.

ނިތިން ވަނީ މި ޚަބަރު ޔަގީންކޮށްދީފަ އެވެ. އޭނާ ބުނި ގޮތުގައި ފަވާދު ޚާންއާ އެކު ފިލްމުގެ ޝޫޓިން އަންނަ އަހަރު ތެރޭ ފަށާނެ އެވެ. އަދި މި ފިލްމަށް ފަވާދު ތާރީޚުތައް ދީފައިވާ ކަމަށް ވެސް ނިތިން ބުންޏެވެ.

"މިހާރު އަހަރެމެން މިކުރަމުންދަނީ ފިލްމަށް ބަތަލާއަކު ހަމަޖެއްސުމުގެ މަސައްކަތް،" ނިތިން ބުނެފައި ވެއެވެ.

އޭނާ ބުނީ މިއީ ރަށްފުށުގެ ހިސާބެއްގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ކުޅޭ ފިލްމެއް ކަމަށެވެ.