11 ސެޕްޓެމްބަރ 2019 - 10:10
އެޕަލްގެ ސްޓްރީމިން ސާވިސް، އެޕަލް ޓީވީ ޕްލަސް ތައާރަފްކޮށް އަގު ހެޔޮކޮށްލުމާ އެކު ސްޓްރީމިން ސާވިސްތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
މި ހިދުމަތް މިހާރު ވެސް ދެމުން އަންނަ ނެޓްފްލިކްސް އާއި އެމެޒޯން އަށް، ނޮވެމްބަރު މަހު 12 ގައި ނުކުންނަ ޑިޒްނީ ޕްލަސްގެ ބިރު މިހާރު ވެސް އެބަ އޮތެވެ. މި ލިސްޓަށް ދެން އިތުރުވާނީ އެޕަލް ޓީވީ ޕްލަސް އެވެ.
އަންނަ ނޮވެމްބަރު މަހު އެކެއްގައި ލިބެން ފަށާ އެޕަލް ޓީވީ ޕްލަސްގެ އަގު ނެޓްފްލިކްސް، އެމެޒޯން އަދި ޑިޒްނީ ޕްލަސްއާ އަޅާބަލާއިރު، މާ ބޮޑަށް ވެސް ކުޑަ އެވެ. އެޕަލް ޓީވީ ޕްލަސް އަށް މަހަކު ދައްކަން ޖެހޭނީ 4.99 ޑޮލަރެވެ. އެއީ މުޅި ޕެކޭޖެވެ. އައި ފެމިލީ ޝެއާރިން ހަދައިގެން، މި އަގުގެ ތެރޭގައި އެހެން މީހުންނަށް ހިލޭ ވެސް ބޭނުންކުރެވޭނެ އެވެ.
ނެޓްފްލިކްސްގެ އާދައިގެ ޕެކޭޖަކަށް މަހަކު 11.99 ޑޮލަރު ދައްކަންޖެހެ އެވެ. ޑިޒްނީ ޕްލަސް އާއެކު ޑިޒްނީގެ އިތުރު ސްޓްރީމިން ސާވިސްތައް ކަމަށްވާ އީއެސްޕީއެން ޕްލަސް އަދި ހުލޫ އާ އެކު މަހަކު ދައްކަން ޖެހޭނީ 12.99 ޑޮލަރެވެ.
ޑިޒްނީ ޕްލަސްއާ ހިލާފަށް އެޕަލް އިން ހިދުމަތް ފަށަނީ ވެސް 100 އަށް ވުރެ ގިނަ ގައުމަކަށް ލިބޭ ގޮތަށެވެ. ޑިޒްނީން އެ ހިދުމަތް ފުރަތަމަ ދުވަހު ހުޅުވާލަނީ ދެތިން ގައުމަކަށެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް ދެ އަހަރެއްހާ ދުވަސް ނަގާނެ ކަމަށް އެމީހުން އޮތީ ބުނެފަ އެވެ.
އެޕަލްގެ އިވެންޓަށް ފަހު، އެޕަލްގެ ކޮންމެ އާ ޕްރޮޓަކްޓެއް ގަންނަ މީހަކަށް، އެޕަލް ޓީވީ ޕްލަސްގެ ސަބްސްކްރިޕްޝަން އެއް އަހަރަށް ހިލޭ ދޭން ވެސް ވަނީ ނިންމައިފަ އެވެ. އެހެންވެ ސްޓްރީމިން ސާވިސްގައި އެޕަލްގެ ރަސްކަމެއް ފެށިދާނެ ކަމަށް ބެލެވެ އެވެ.