30 މެއި 2016 - 10:40

އަނެއްކާ ވެސް ބޮލީވުޑްގެ ޒުވާން އެކްޓަރުންގެ ލިސްޓަކަށް އެކަކު އިތުރު ވަނީ އެވެ. އޭނާ މިހާރު ވަނީ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށައިފަ އެވެ. އެއީ "މެޝިން" އެވެ.

ސަސްޕެންސް ތުރިލާތައް ހަދަން މަޝްހޫރު ޑައިރެކްޓަރުން ކަމަށްވާ ދެބެންގެ ތެރެއިން އައްބާސް ބުރުމާވާލާގެ ފިރިހެން ދަރިފުޅު މުސްތަފާ ބޮލީވުޑަށް ލޯންޗް ކުރާ ފިލްމަކީ އައްބާސް އާއި މަސްތާން ޑައިރެކްޓްކުރާ ފިލްމެކެވެ.

އަބަދުވެސް އެކުގައި ޑައިރެކްޝަން ހަދާ މި ދެބެން މިހާރު ތިބީ "މެޝިން" ގެ ޝޫޓިންގައި ޖޯޖިއާގަ އެވެ. ފިލްމުން މުސްތަފާ ލޯންޗް ކުރާ އިރު، މިއީ އަނެއްކާ ވެސް ވަރުގަދަ ފިލްމަކަށް ވާނެ އެވެ. ހާއްސަކޮށް ޒުވާނުންނާ ގުޅޭ ކަހަލަ ސަޅި ފިލްމަކަށް ވާނެ އެވެ. ފިލްމަކީ އެކްޝަން ތުރިލާއެކެވެ.
މުސްތަފާ އާ އެކު "މެޝިން" ގައި ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ 2014 ވަނަ އަހަރު އަކްޝޭ ކުމާރު ޕްރޮޑިއުސް ކުރި "ފަގްލީ" އިން ބޮލީވުޑަށް ތައާރަފުވެގެން ދިޔަ ކިއާރާ އަދްވާނީ އެވެ. އައްބާސް-މަސްތާންގެ ފިލްމްވެގެން ދާނީ ކިއާރާގެ ތިން ވަނަ ފިލްމަށެވެ.
"ފަގްލީ" އަަށް ފަހު ފަހު އޭނާ ކުޅުނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އެމްއެސް ދޯނިގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ "އެމްއެސް ދޯނި: ދި އަންޓޮލްޑް ސްޓޯރީ" އެވެ. ސުޝާންތު ސިންގް ރާޖްޕުޓް ދޯނީގެ ރޯލް ކުޅެފައިވާ އެ ފިލްމުގައި ކިއާރާ ފެނިގެން ދާނީ ދޯނިގެ އަންހެނުންގެ ރޯލުންނެވެ.
"އެމްއެސް ދޯނި" ރިލީޒް ކުރާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
ޖޯޖިއާގައި "މެޝިން" މިހާރު ޝޫޓް ކުރަމުން އަންނަ އިރު، ދެ މަހެއްހާ ދުވަސް ޝޫޓިން އަށް ނަގާނެ އެވެ. ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ފިލްމް އަންނަ އަހަރު ބެލުންތެރިންނަށް ފެނިގެން ދާނެ އެވެ.
ބާޒީގަރް، އަޖްނަބީ، ބާދްޝާހް އަދި ރޭސް ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ އައްބާސް-މަސްތާން އެންމެ ފަހުން ގެނެސް ދިން ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި ކޮމެޑީ ފިލްމް "ކިސް ކިސްކޯ ޕިޔާރް ކަރޫ" އެވެ.
އެ ފިލްމަކީ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރްމާ ބޮލީވުޑަށް ތައާރަފުވެގެން ދިޔަ ފިލްމެވެ.