21 ސެޕްޓެމްބަރ 2016 - 06:20

ސްމީތާ ޕާޓިލްގެ ހަނދާނުގައިދޭ ޚާއްސަ އެވޯޑާ ހަވާލުވުމަށް ފަހު ކެޓުރީނާ ކައިފް ނޫސްވެރިންނަށް ފިލައިފި އެވެ.
ހޯމަ ދުވަހު މުމްބާއީގައި އޮތް ރަސްމިއްޔާތުގައި ކެޓުރީނާއާ އެވޯޑު ހަވާލުކޮށްދެއްވީ ޔޫނިއަން މިނިސްޓަރު ނިތިން ގަދްކާރީ އެވެ.
ސްމީތާ ޕާޓީލް މެމޯރިއަލް އެވޯޑު ފޯ ބެސްޓް އެކްޓާގެ އެވޯޑު ކެޓުރީނާ އަށް ދޭތީ އިންޑިއާގެ ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި ފާޑުކިޔާތާ ހަފުތާއެއްހާ ދުވަސް ވަނީ ވެފަ އެވެ. މި އެވޯޑު އޭނާއަށް އެއްގޮތަކަށް ވެސް ހައްގު ނޫންކަމަށް ފާޅުގައި ގިނަ ބަޔަކު ބުނަމުން ގޮސްފައިވެ އެވެ. ނަމަވެސް މި އެވޯޑު އިންތިޒާމްކުރާ ސޯޝިއޯ-ކަލްޗަރަލް އެންޑް އެޑިޔުކޭޝަނަލް އޯގަނައިޒޭޝަނެއް ކަމަށްވާ ޕްރިޔާދަރްޝިނީ އެކަޑަމީން ނިންމާފައިވާ ގޮތަށް މި އެވޯޑު ކެޓުރީނާއާ ހަވާލުކުރީ އެވެ.
މި އެވޯޑާ ހަވާލުވުމަށް ފަހު ކެޓުރީނާ ވާހަކަ ދެއްކި ނަމަވެސް ފަހުން އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭކަށް އޭނާ ބޭނުމެއް ނުވި އެވެ. އެހެންކަމުން ޕްރެސް ކޮންފަރެންސަށް ތައްޔާރުވެގެން ނޫސްވެރިން ތިއްބާ އޭނާ ވަނީ އެ އިވެންޓް ބޭއްވި ހޮޓަލުގެ ވަލުދޮރާއްޓަކުން ނުކުމެގެން ގޮސްފަ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ ކެޓުރީނާ ނުކުތީ އެ ހޮޓަލުގެ ބަދިގެ ތެރެއިން ލާފައި ކަމަށެވެ.
ކެޓުރީނާގެ 13 އަހަރުވީ ފިލްމީ ކެރިއަރުގައި އޭނާގެ އެކްޓިން މާ ރަނގަޅު ނޫން ނަމަވެސް ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ.
މި އިވެންޓުގައި ފިލްމީ ބަތަލާ ޖޫހީ ޗައުލާ އަށް ވެސް އެވޯޑެއް ދީފައިވެ އެވެ.