10 ސެޕްޓެމްބަރ 2019 - 18:16

ފުލުހުންގެ އޮޕަރޭޝަން އަދިވެސް އަންނަނީ ކުރިއަށް ގެންދަމުން. މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ. އަދި އައްޑޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަގްލީލު ވެސް ފަހުން ވަނީ ދޫކޮށްލައިފައި.

ފުލުހުންގެ ބެލުމުގެ ދަށަށް އަގްލީލު ގެންދިއުމުގެ ކުރިން އޭނާގެ ގެ އާއި އޭނާ ހިންގާ ފޮތި ފިހާރަ ވަނީ ފާސްކޮށްފައި. އެކަމަކު އާއިލާއިން ބުނި ގޮތުގައި ފުލުހުން އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވޭ.

މާލެ އާއި އައްޑޫން ފަސް ތަނެއް ފުލުހުން މިހާރު ފާސް ކުރަމުން އެބަ ދޭ. އޭގެ ތެރޭގައި މާލޭގެ ހަތަރު ތަނެއް ހިމެނޭ. ފުލުހުން ބުނީ މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް.

ރިލްވާންގެ މަރާލި ކަމަށް ބެލެވޭ ދޯނި ހަމަޖައްސައިދިން ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ސ. ފޭދޫ ގުރަހާގޭ އަގްލީލް (ކިޑޫ) މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރިލްވާންގެ މަރާލި ކަމަށް ބެލެވޭ ދޯނި ހަމަޖައްސައިދިން ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ސ. ފޭދޫ ގުރަހާގޭ އަގްލީލް (ކިޑޫ) ދިރިއުޅޭ ގެ ވެސް ފުލުހުން މިހާރު އަންނަނީ ފާހަގަ ކުރަމުން. ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ރިލްވާން ހުޅުމާލެ އިން ކިޑްނެޕްކޮށްގެން ގެންގޮސް އެރުވީ އއ. އުކުޅަހު ދޯންޏަކަށް ކަމަށް ހެއްކަކު ބުނާ ކަމަށް. އެ ދޯނީގެ ވެރިޔާއަކީ މާވަޑިއާގޭ މުހައްމަދު ރާޝިދު ނަމަކަށް ކިޔާ މީހެއް ކަމަށާއި އެ ދޯނި ނިސްބަތް ވަނީ، ރިލްވާން މަރާލި ދީނީ ޖަމާއަތަށް ވެސް ރިޕޯޓްގައި ބުނެފައިވޭ. އެ ދޯނި ހަމަޖައްސައިދިނީ އަގްލީލް. އޭނާ ދިރިއުޅެމުން ދަނީ ފޭދޫގައި.
އެނގިފައިވާ ގޮތުގައި މާލޭގެ ހަތަރު ގެއަކަށް ފުލުހުން ވަނީ ވަދެފައި. އޭގެ ތެރޭގައި ހިމެނެނީ ރިލްވާންގެ މަރާ ބެހޭ ގޮތުން ކޮމިޝަނުން ނެރެފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވާ ބައެއް މީހުންނާ ގުޅުން ހުރި ގޭގެ. މި އޮޕަރޭޝަން އައްޑޫގައި ވެސް ކުރިއަށް ދާނެ ކަމަށް ފުލުހުން ބުނޭ. ރިޕޯޓްގައި ނަން ހިމަނާފައިވާ ބައެއް މީހުން ދިރިއުޅެމުން ގެންދަނީ އައްޑޫގައި.
ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ބޭނުމަށް ގޭގެ އާއި މީހުން ބަލާ ފާސް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން މިއަދު ފަށައިފި އެވެ.
ފުލުހުން މިހާރު ވެސް އަންނަނީ ހެންވޭރާއި ގަލޮޅުގެ ދެ ގެއެއް ބަލައި ފާސް ކުރަމުންނެވެ.
ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ބަލާފާސްކުރަން ބޭނުންވާ ތަންތަނާއި، މީހުން ބަލާފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.
"ތަންތަނާއި މީހުން ބަލާފާސްކުރަނީ އެ ކޮމިޝަނުގެ އެދުމަށް ކޯޓުން ނެރެފައިވާ އަމުރުތައް ތަންފީޒުކުރުމަށް. ތަންތަނާއި މީހުން ބަލާފާސްކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ފުލުހުން،" އިޒްމިއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ އޮޕަރޭޝަން ކުރިއަށްދާއިރު މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.
ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑާއި، ފޮރެންސިކް ސާވިސް އާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި އަދި ޑިވިޒަނަލް ޕޮލިސިން ކޮމާންޑުން ބައިވެރިވެ އެވެ.
މީގެ ފަސް އަހަރު ކުރިން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ތައްޔާރު ކުރި ޑްރާފް ރިޕޯޓުގެ ބައެއް މައުލޫމާތުތައް ހާމަ ކުރަމުން ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވަނީ އެ މައްސަލާގެ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ނަންތައް ހާމަ ކުރައްވާފަ އެވެ. އަދި މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ރިލްވާން ވަނީ މަރާލާފައި ކަމަށާއި އެކަން ކުރީ އަލްގައިދާގެ ރާއްޖޭގެ ގޮފީގެ މީހުން ކަމަށް ސުއޫދު ވިދާޅުވި އެވެ.
ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހުން ރާއްޖޭގައި ހަރަކާތްތެރިވާގޮތް ވެސް ސުއޫދު ވަނީ ހާމަ ކުރައްވާފަ އެވެ. އެމީހުންނާއި އެމީހުން ކުރާ ވިޔަފާރިތައް ވެސް ދެނެގަނެވިފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.