10 ސެޕްޓެމްބަރ 2019 - 18:20

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ވީޑިއޯ އެނަލިސިސް ރިޕޯޓް ހެދި ފުލުސް މީހާއާ ދިފާއީ ވަކީލުން ގިނަ ސުވާލުތަކެއް ކްރިމިނަލް ކޯޓުގައި މިއަދު އަމާޒުކޮށްފި އެވެ.
އޭޕްރީލް، 2017 ގައި ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ ހަ މީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދިނީ ވީޑިއޯ ފުޓޭޖްތައް އެނަލައިޒްކޮށް، ރިޕޯޓް ހެދި ފުލުސް މީހާ އެވެ. ހެކިބަސް ދެމުން އޭނާ ބުނިގޮތުގައި މަގުމަތީގެ އެކި ތަންތަނުން ނެގުނު ވީޑިއޯ ފުޓޭޖްތަކުން ފެންނަ މީހުންނާ ދައުވާ ލިބޭ ދިފްރާނާއި ޝިފާޒްގެ ސިފަތައް ދިމާވާ ކަމަށެވެ. އެ ދެ މީހުންނާ ވީޑިއޯއިން ފެންނަ މީހުންނާ ސިފަތައް ދިމާވާ ކަމަށް ބުނަނީ އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިއިރު އެ މީހުންގެ ފޮޓޯ ނެގުމަށް ފަހު އެ ފޮޓޯތަކާއި ވީޑިއޯއިން ފެންނަ މީހުންނާ އަޅާ ކިޔުމުން ކަމަށް އޭނާ ބުންޏެވެ.
އެކަމާ ގުޅިގެން އެ ދެ މީހުންގެ ދިފާއީ ވަކީލުން ގިނަ ސުވާލުތަކެއް އެ ފުލުސް މީހާއާ އަމާޒުކުރި އެވެ. އެގޮތުން ވީޑިއޯތަކުގެ އެނަލައިޒް ހެދި ތާރީޚު ރިޕޯޓުގައި ނެތީ ކީއްވެގެންތޯ އާއި އެއީ ކޮން ތާރީޚުތަކެއްގެ ވީޑިއޯތަކެއްތޯ ދިފާއީ ވަކީލުން ސުވާލުކުރި އެވެ. އަދި ވީޑިއޯ އެނަލައިޒް ކުރަން ލިބުނީ ކިހިނެތްތޯ ވެސް ވަކީލުން ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި އެ ފުލުސް މީހާ ބުނީ ވީޑިއޯތައް އެނަލައިޒް ހަދަން އޭނާއާ ހަވާލުކުރީ އެ މައްސަލަ ތަހުގީގުކުރި ފުލުސް މީހާ ކަމަށާއި އޭނާ އެދުނީ ދައުވާލިބޭ ދެ މީހުންނާއި ވީޑިއޯތަކުން ފެންނަ މީހުންނާ ދިމާވޭތޯ ބަލަން ކަމަށް އެ ފުލުސް މީހާ ބުންޏެވެ. އެކަމަކު އެނަލައިޒްކުރި ވީޑިއޯތަކަކީ ކޮން ދުވަސްތަކެއްގެ ވީޑިއޯތަކެއް ކަން މިހާރު ބުނަން ނޭނގޭ ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.
ދައުވާލިބޭ ދެ މީހުންނާއި ވީޑިއޯއިން ފެންނަ މީހުންގެ ސިފަތައް ދިމާވާ ކަމަށް ރިޕޯޓުގައި އޮތްއިރު، އެ ސިފަތައް ދިމާވެދާނެ އެހެން ބަޔަކު ތިބެދާނެތޯ ސުވާލު ކުރުމުން އެ ފުލުސް މީހާ ބުނީ އެ ސިފަތައް ދިމާވާ އިތުރު މީހަކު ހުރެދާނެ ކަމަށެވެ.
މީގެ އިތުރުން ދައުވާ ލިބޭ މީހުންނާއި ވީޑިއޯއިން ފެންނަ މީހުން އަޅާ ކިޔާފައިވަނީ ކޮން ގޮތަކަށްތޯ ވަކީލުން ސުވާލު ކުރެއްވުމުން އެ ފުލުސް މީހާ ބުނީ އެކަން ބަލާފައިވަނީ ދައުވާ ލިބޭ މީހުންގެ ފޮޓޯ ނަގައިގެން ކަމަށެވެ.
ދައުވާ ލިބޭ ދެ މީހުންނާއި ވީޑިއޯއިން ފެންނަ މީހުންގެ ސިފަތައް ދިމާވާ ކަމަށް އެ ރިޕޯޓުގައި އޮތްއިރު، އެއީ ކިހާ މިންވަރެއްގެ ޔަގީންކަން އޮތް ކަމެއްތޯ ވަކީލުން ސުވާލު ކުރެއްވުމުން އެ ފުލުސް މީހާ ބުނީ އެއީ 100 ޕަސެންޓް ޔަގީން ކަމެއް ކަމަށެވެ.
ވީޑިއޯ އެނަލައިޒް ކުރަން ދައުވާ ލިބޭ ދެ މީހުންގެ ފޮޓޯ ފުލުހުން ނެގިއިރު، އެ މީހުންގެ މޫނު ފޮރުވައިގެން އާއި އެކި ތަންތަނަށް އެ މީހުން ގެންގޮސްގެން ފޮޓޯތައް ނެގިތޯ ސުވާލު ކުރުމުން އޭނާ ބުނީ ފޮޓޯ ނެގީ ފުލުހުންގެ މައި މަރުކަޒުގައި ކަމަށެވެ.
އެ މައްސަލާގައި ދައުވާ ލިބޭ ދެ މީހަކާއި ވީޑިއޯ ފެންނަ މީހުންނާ ސިފަތައް ދިމާވާ ކަމަށް ވީޑިއޯ އެނަލައިސް ކުރި ފުލުސް މީހާ ހެކިބަސް ދިންއިރު މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ވެސް އެ ފުލުސް މީހާ ވަނީ ދައުވާ ލިބޭ އިތުރު ތިން މީހަކާ ވެސް ވީޑިއޯއިން ފެންނަ މީހުންނާ ބައެއް ސިފަތައް ދިމާވާ ކަމަށް ބުނެ ހެކިބަސް ދީފަ އެވެ. އެދުވަހުގެ އަޑުއެހުމުގައި ވެސް ދިފާއީ ވަކީލުން ގިނަ ސުވާލުތަކެއް އަމާޒުވި އެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ވީޑިއޯ އެނަލިސިސް ރިޕޯޓްތަކުގެ ތެރެއިން އެހެން ރިޕޯޓަކާ ގުޅޭގޮތުން ވެސް އެ ފުލުސް މީހާގެ ހެކިބަސް ނަގަން މިއަދު ހަމަޖައްސާފައި އޮތަސް، އެ ރިޕޯޓް ދައުލަތުން ހުށަހެޅި ސަބަބާ މެދު ސުވާލުތަކެއް އުފެދުމުން އެ ބައި އެހެން ދުވަހަކަށް ވަނީ ފަސްކޮށްފަ އެވެ.
އެ ރިޕޯޓް ހުށަހަޅަނީ ދައުވާ ލިބޭ ހަ މީހުންގެ މައްޗަށް ކަމަށް ދައުލަތުން ބުނުމުން ދިފާއީ ވަކީލުން ވަނީ އެކަން ކުރިން ޝަރީއަތުގައި ދައުލަތުން ބުނެފައި ނެތް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ދައުވާ ލިބޭ މީހުން ކުރި ކަމަށް ތުހުމަތުކުރާ އަމަލާއި އެ ރިޕޯޓާ ގުޅެނީ ކިހިނެއް ކަން ކުރިން ހާމަ ނުކުރަނީސް އެ ރިޕޯޓާ ބެހޭގޮތުން ސުވާލު ނުކުރެވޭނެ ކަމަށް ވިދާޅުވެ، ދިފާއީ ވަކީލުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
ފަހުން ދައުލަތުން ބުނީ އެ ރިޕޯޓް ހުށަހަޅަނީ ދައުވާވލިބޭ ދެ މީހަކާ ދެކޮޅަށް ކަމަށެވެ. އެގޮތަށް ދައުލަތުން ބުނުމުން ދިފާއީ ވަކީލުން ވަނީ އެކި ފަހަރު ދައުލަތުން އެކި ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ދައުލަތުން އެދުނީ އެ ރިޕޯޓާ ގުޅޭގޮތުން އިތުރަށް ކަންތައްތަކެއް ސާފު ކުރުމަށް ފަހު ފުލުސް މީހާގެ ހެކިބަސް ނެގުމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ހެކިބަސް ނެގުން ދެން އޮންނަ އަޑުއެހުމަކަށް ވަނީ ފަސްކޮށްފަ އެވެ.