ރިމޭކްތަކަށް ދަރިފުޅު އެއްބަހެއް ނުވާނެ: ސަނީ ޑިއޯލް
ރިމޭކްތަކަށް ދަރިފުޅު އެއްބަހެއް ނުވާނެ: ސަނީ ޑިއޯލް

ބޮލީވުޑަަކީ މިހާރު ވަރަށް ގިނަ އިން ރިމޭކްތައް ހަދާ އިންޑަސްޓްރީއެކެވެ. އޭގެ ތެރޭގައި ކުރީގެ ހިންދީ ފިލްމުތަކާއި ސައުތުގެ މަޝްހޫރު ކާމިޔާބު ފިލްމުތަކާއި އަދި ހޮލީވުޑްގެ ފިލްމުތައް ވެސް ހިމެނެ އެވެ.

ނަމަވެސް މިކަމަކީ ބޮލީވުޑްގެ ބައެއް ތަރިން އެހާ ރުހޭ އަދި ގަބޫލުކުރާ ކަމެއް ނޫނެވެ. އޭގެ ތެރެއިން އެކަކީ ސަނީ ޑިއޯލް އެވެ. އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް މި މަހު ރިލީޒްކުރާ "ޕަލް ޕަލް ދިލް ކޭ ޕާސް" އިން އެކްޓިން އަށް ނުކުންނަ އިރު، ސަނީ ދަރިފުޅަށް ދޭން އޮތް ނަސޭހަތަކީ ވެސް ރިމޭކްތަކަށް އެއްބަސްނުވާށޭ އެވެ. އަދި އެ ކަހަލަ ފިލްމުތައް ކުޅެން ހިތްވަރު ވެސް ނުދޭނެ ކަމަށް ބުންޏެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ސަނީ ބުނީ ރިމޭކްތަކަކީ އޭނާ ގަބޫލުކުރާ އެއްޗެއް ނޫން ކަމަށެވެ.

"ކޮންމެ ފިލްމަކީ ވެސް އެ ޒަމާނަކަށް ނުވަތަ އެ އެ މުޖުތަމަކައަށް ފެތޭ ގޮތަށް ގެނެސްދޭ ފިލްމެއް. އެހެންވީމާ ފަހުން އަނެއްކާ އެ ފިލްމެއް ހަދައިގެން ގެނެސްދިނީމަ ހާލަތަކާ ގުޅޭ ގޮތެއް ނުވޭ. އަނެއްކާ އެފަދަ ފިލްމުތަކަށް ރަނގަޅަކަށް އިންސާފުކޮށެއް ވެސް ނުދެވޭ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުންޏެވެ. "އަހަރެން ނަސޭހަތާ އެކު ކަރަން ކުރިއަށްދާ ކަމަށްވަންޏާ އަހަރެން ހިތްވަރެއް ނުދޭނަން އޭނާ އަށް ރިމޭކްތައް ކުޅޭކަށް."

އެހެންވެ ބައްޕަ ސަނީގެ ކާމިޔާބު ފިލްމެއްގެ ރިމޭކަކުން ކަރަން ދެކިލަން ފޭނުން ބޭނުންވިޔަސް އެއީ ވުމުގެ ފުރުސަތު ކުޑަ ކަމެއް ކަމަށް މިހާރު ބެލިދާނެ އެވެ.

ކަރަންގެ އަލަތު ފިލްމު މި މަހުގެ 20 ގައި ރިލީޒްކުރާ އިރު، އޭނާ މިހާރު ވަނީ ދެވަނަ ފިލްމަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ ޑައިރެކްޓަރު އިންދަރު ކުމާރު ޕްރޮޑިއުސްކުރާ ކޮމެޑީ ފިލްމަކަށެވެ.