10 ސެޕްޓެމްބަރ 2019 - 10:07

ސައުތެމްޓަން (ސެޕްޓެމްބަރު 10) - ޔޫރޯ ކޮލިފައިންގައި މިރޭ ރަށުން ބޭރުގައި ކުޅޭ މެޗުން އިންގްލެންޑްގެ ބަލިކޮށް ހައިރާންކުރަނިވި ނަތީޖާއެއް ނެރެވޭނެ ފެންވަރު ކޮސޯވޯގެ އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު ބާނާޑް ޗަލަންދޭސް ބުނެފި އެވެ.
މީގެ ތިން ވަރަކަށް އަހަރު ކުރިން 2016 ވަނަ އަހަރު ޔުއެފާ އާއި ފީފާގެ މެމްބަރު ގައުމެއްގެ ގޮތުގައި ބަލައިގަތް ކޮސޯވާ އެންމެ ފަހުން ކުޅުނު 15 މެޗުން ވެސް ބަލިވެފައިނުވެ އެވެ. އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމަށް ތަފާތު ރޫހެއްގައި ކުޅެމުން އަންނަ ކޮސޯވޯ މި ވަގުތު އޮތީ ކޮލިފައިން ގްރޫޕް އޭގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި އޮތް އިންގްލެންޑަށް ތިން މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ކޮސޯވޯ އަށް ވަނީ ހަތަރު މެޗުން އަށް ޕޮއިންޓް ލިބިފަ އެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޮސޯވޯގެ ކޯޗު ބާނާޑް ބުނީ އޭނާގެ ނަޒަރުގައި އިންގްލެންޑަކީ މި ވަގުތު އޮތް ޓީމުތަކަށް ބަލާއިރު އެންމެ ރަނގަޅު ކުޅުމެއް ދައްކާ ޓީމު ކަމަށެވެ.
"އަހަރެމެންނަކީ ކޮސޯވޯ. އަހަރެމެން މި ކުޅެން ޖެހެނީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ރަނގަޅަށް ކުޅޭ ޓީމާ ދެކޮޅަށް. އަހަރެމެން މި ލެވަލަށް ވަރަށް ޒުވާން. އަހަރެމެންގެ ފެޑެރޭޝަން ވެސް ވަރަށް ޅަ. މި ކަހަލަ ޓީމަކާ ދެކޮޅަށް މި ލެވެލްގައި ކުޅޭ ފުރަތަަމަ މެޗު މިއީ. އެކަމަކު އަހަރެެން ތައްޔާރުވެގެން ނުކުމެގެން ގިނަ ބަޔަކު ހައިރާންކޮށްލެވިދާނެ. އިނގިރޭސި ބަލިވެސް ކުރެވިދާނެ،" ބާނާޑް ބުންޏެވެ.
"އަހަރެން މި އައީ އިނގިރޭސިން އަތުން މޮޅުވާށޭ ބުނެފިއްޔާ ގިނަ ބަޔަކު ހީކުރާނީ އަހަރެން މޮޔަކަމަށް. އެކަމަކު އަހަރެން އެއީ ނުވާނެ ކަމެކޭ ބުނެފިއްޔާ، އަހަރެން މި ވަޒީފާގައި ހުރުމުގެ ބޭނުމެއް ނެތް،"
ކޮސޯވޯއާ ދެކޮޅަށް ކުޅޭ ޓީމުތަކަށް މިހާތަނަށް އެންމެ ބޮޑު އުނދަގުލަކަށް ކުރިމަތިވަނީ ބާނާޑް ކުޅުވާ އެޓޭކިން ފުޓްބޯޅަ ރޭވިފައި ހުންނަ ގޮތުންނެވެ. އޭނާ ކުޅުވާ ފުޓްބޯޅައިގައި އެންމެ ހާއްސަ ކަމަކީ ގެންގުޅޭ ޕްރެސިން ސިސްޓަމް ތަފާތުވުމެވެ. ބާނާޑް ބުނީ އިނގިރޭސިންނާ ދެކޮޅަށް ވެސް ނުކުންނާނީ ވަކި ހާއްސަ ތައްޔާރީތަކެއް ނެތި ކުރީގެ ވެސް ފިލޯސަފީގައި ކުރިއަށްދާން ކަމަށެވެ.
"މިއީ ވަރަށް އުނދަގޫވާނެ މެޗެއް. ދިރިއުޅުމުގައި ބޮޑު ކަމެއް ހާސިލްވާނީ އުނދަގުލުން. އަހަރެމެންގެ ވިސްނުމުގައި ކުޅެގެން ކާމިޔާބު ހޯދޭނެ،" ބާނާޑް ބުންޏެވެ.
އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ މިއީ ފަސޭހަވާނެ މެޗެއް ކަމަށް ދެކިގެން ކުޅެފިނަމަ އެ ޓީމަށް ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށާއި އެހެންވެ އެކަން ކުޅުންތެރިންނަށް ވެސް ވިސްނައިދޭނެ ކަމަށެވެ.
ސައުތެމްޓަންގެ ސްޓޭޑިއަމްގައި ކޮސޯވޯ އާއި އިންގްލެންޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.