10 ސެޕްޓެމްބަރ 2019 - 13:35

ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓާސް (ޕަޑި) ގެ މެމްބާ ފޯރަމް މި މަހުގެ 15 ގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.
ޑައިވް ކްލަބާއި ފުރަވެރި ރިސޯޓާ ގުޅިގެން ޕަޑިން ބާއްވާ މި ފޯރަމް ކުރިއަށްދާނީ ހަތަރު ދުވަހުގެ މުއްދަތަށެވެ. މި ފޯރަމުގައި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެންމެންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމް ފެށުމުގެ ގޮތުން މި މަހުގެ 15 ވަނަ ދުވަހުގެ ރޭ ފުރަވެރި ރިސޯޓުގައި މައުލޫމާތު ސެޝަނެއް ކުރިއަށްދާނެ އެވެ. ދެވަނަ ދުވަހު ހުރިހާ ބައިވެރިން އެ ރިސޯޓާ ކައިރި ރަށްރަށަށް ޒިޔާރަތްކޮށް މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސެޝަނުގައި ގޮނޑުދޮށާއި ރަށް ސާފުކޮށް ބޭއްވުމަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފޯރަމުގެ ތިން ވަނަ ދުވަހު، އުކާލާފައި ހުންނަ ކުނި ނެގުމަށް ތަޖުރިބާކާރު ޑައިވަރުން މޫދަށް ފީނާނެ އެވެ. އަދި ހޯދާ ހުރިހާ ކުންޏެއް، މޫދަށް ކުނި އެޅުން ހުއްޓުވުމަށް ފަށާފައިވާ "ޕްރޮޖެކްޓް އެވެއާ" އާ ހަވާލު ކުރާނެ އެވެ. ޕްރޮޖެކްޓް އެވެއާ އަކީ މޫދަކީ ސާފުތަނަކަށް ހެދުމަށް ޑައިވަރުންނަށް އެހީވުމުގެ ގޮތުން އުފައްދާފައިވާ ބައިނަލްއަގްވާމީ ނޮން ޕްރޮފިޓް ޖަމިއްޔާއެކެވެ.
ޕަޑިން ކުރިއަށްގެންދާ މި ފޯރަމް ނިންމާލަން ހަމަޖެހިފައިވަނީ ޕްރޮޖެކްޓް އެވެއާ އާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނަކުންނެވެ. މި ފޯރަމުގައި ވީހާ ވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް ޕަޑިން ވަނީ ދައުވަތު އަރުވާފަ އެވެ.