ފްރާންސްގައި ޕްލާސްޓިކް ތަށި މަނާކުރަނީ
ފްރާންސްގައި ޕްލާސްޓިކް ތަށި މަނާކުރަނީ

ޕެރިސް (ސެޕްޓެމްބަރު 20) - ކާން ބޭނުންކުރާ ޕްލާސްޓިކް ތައްޓާއި އުލާއި ވަޅި، ސަމުސާ އަދި ފެންބޯތަށި ފަދަ ތަކެތި ފްރާންސްގައި މަނާކުރަން ނިންމައިފި އެވެ.

މި ގާނޫނަށް ފްރާންސް އިން އަމަލު ކުރަން ފަށާނީ 2020 ވަނަ އަހަރުން ފެށިގެންނެވެ. މިއީ ފްރާންސް އިން ފަށާފައިވާ "އިނާޖީ ޓްރާންސިޝަން ފޯ ގްރީން ގްރައުތު" ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ. މޫސުމަށް ބަދަލު އައުމާ ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފްރާންސް އިން ކުރިއަށް ގެންދާ މި މަސައްކަތުގައި ޕްލާސްޓިކް ތަށި ބޭނުން ކުރެވޭނީ އެއީ ބަޔޯޑިގްރޭޑެބްލް މެޓީރިއަލަކުން ހަދާފައިވާ އެއްޗެއް ނަމަ އެވެ.

ފްރާންސްގެ މި ނިންމުމަށް ޔޫރަޕިއަން ޔޫނިއަންގެ ޕެކޭޖިން މެނުފެކްޗަރާސް ތަމްސީލް ކުރާ ޖަމާއަތެއް ކަމަށްވާ ޕެކް2ގޯ ޔޫރަޕުން ދެކޮޅު ހަދާފައިވާ ކަމަށް ބައެއް ނޫސްތަކުން ބުނެ އެވެ.

"ޔޫރަޕިއަން ގާނޫނުތަކާ ޚިލާފަށް ފްރާންސް އިން ކަންކުރަން އުޅޭތީ ޔޫރަޕިއަން ކޮމިޝަނުން ފިޔަވަޅު އަޅައިދިނުމަށް މި އެދެނީ،" ޕެކް2ގޯ ޔޫރަޕުގެ ސެކްރެޓަރީ ޖެނެރަލް އީމޮން ބޭޓްސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަޔޮލޮޖިކަލް މެޓީރިއަލް އަކީ ވެސް ތިމާވެއްޓަށް ފައިދާ ހުރި އެއްޗެއްކަން ސާބިތު ކުރެވިފައި ނުވާ ކަމަށެވެ. ބޭޓްސް އަދި ވިދާޅުވީ ފްރާންސްގެ ނިންމުމުގެ ސަބަބުން އެކި ތަންތަނުގައި ކުނި ގިނަވާނެ ކަމަށެވެ. އެއީ ބަޔޯޑިގްރޭޑެބަލް އެއްޗެހި ކަމަށް ހީކޮށް އެކަކު ވެސް އެ ތަކެތި ނުނަގާނެތީ ކަމަށެވެ.

ފްރާންސްގެ ހެލްތު އެންޑް އެންވަޔަރްމަންޓް އެސޯސިއޭޝަނުން ބުނީ ކޮންމެ ސިކުންތަކު 150 ޕްލާސްޓިކް ތައްޓާއި ކަޕް އުކާލާ ކަމަށެވެ. މިއީ އަހަރަކަށް ބަލާ ނަމަ 4.73 ބިލިއަނެވެ. މީގެ ތެރޭން ރީސައިކަލް ކުރަނީ އެއް ޕަސެންޓަށް ވުރެ މަދު އަދަދެއް ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެ އެވެ.

ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް މީގެ ކުރިން ވަނީ ޕްލާސްޓިކުގެ އެކި ބާވަތްތައް މަނާކޮށްފަ އެވެ. ޕްލާސްޓިކް ކޮތަޅު މަނާކުރި ފުރަތަމަ ގައުމަކީ ބަންގްލަދޭޝް އެވެ. އެ ގައުމުން 2002 ވަނަ އަހަރު ޕްލާސްޓިކް ކޮތަޅު މަނާކުރީ ފެންބޮޑުވާ އިރު ނަރުދަމާ ނިޒާމު ބެދޭތީ އެވެ. އިންޑިއާގެ ކަރުނާޓަކާ ސްޓޭޓުގައި ޕްލާސްޓިކް ބޭނުން ކުރުން ވަނީ މަނާކޮށްފަ އެވެ. އެމެރިކާގެ ސެން ފްރޭންސިސްކޯގައި 2007 ވަނަ އަހަރުން ފެށިގެން ޕްލާސްޓިކް ކޮތަޅު މަނާކޮށް އަދި 2014 ވަނަ އަހަރުން ފެށިގެން ވަނީ ސަރުކާރުގެ ތަންތަނުގައި ޕްލާސްޓިކް ފެން ފުޅި ބޭނުން ކުރުން މަނާކޮށްފަ އެވެ. އިނގިރޭސި ވިލާތުގައި ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ފަސް ޕެންސް ދައްކަން ޖެހެ އެވެ.

ސައެންސްވެރިން ލަފާކުރާ ގޮތުގައި 2010 ވަނަ އަހަރު ވަނީ ކަނޑުތަކަށް އަށް މިލިއަން ޓަނުގެ ޕްލާސްޓިކް އުކާލައިފަ އެވެ.