ނިހާންގެ ބަދަލުގައި ޕީއެންސީގެ ނައިބު ރައީސަކަށް ނިމާލް
ނިހާންގެ ބަދަލުގައި ޕީއެންސީގެ ނައިބު ރައީސަކަށް ނިމާލް

އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސަކަށް، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިއަދު އިންތިޚާބުކޮށްފި އެވެ.

ނިމާލް، ޕީއެންސީގެ ނައިބު ރައީސަކަށް އިންތިޚާބު ކުރީ، ކުރިން އެ މަގާމުގައި ހުންނެވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން އެ ޕާޓީން އިސްތިއުފާ ދެއްވުމުންނެވެ. ނިހާން ދާދި ފަހުން ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.

ޕީއެންސީން ބުނި ގޮތުގައި އެ ޕާޓީގެ ނައިބު ރައީސް ކަމަށް ނިމާލް އިންތިޚާބު ކުރީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ނެގި ސިއްރުން ވޯޓަކުންނެވެ.

ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ނިމާލްއާ އެކު، މިހާރު ތިއްބެވީ ރާއްޖެ އިން ސްރީ ލަންކާ އަށް ކުރިން ކަނޑައަޅާފައި ހުންނެވި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މާވަށު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ސައީދާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު އެވެ. ޕީއެންސީގެ ރައީސަކީ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ނިމާލް އެންމެ ފަހުން ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ލަންކާ އެމްބަސީގެ މިނިސްޓާ ކައުންސެލާގެ މަގާމުގަ އެވެ.

ޔާމީންގެ ސަރުކާރުގައި ނިމާލް އެންމެ ފުރަތަމަ އަދާކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމެވެ. އެ މަގާމުން ވަކިކޮށް އޮކްޓޯބަރު 24، 2016 ގައި ޓޫރިޒަމް މިނިސްޓަރުގެ ނައިބަކަށް އޭނާ އައްޔަން ކުރެއްވި އެވެ. ފެނަކައިގެ އިތުރުން އޭނާ ވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އަދާކުރައްވައިފަ އެވެ.