10 ސެޕްޓެމްބަރ 2019 - 07:51
އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ކުރިއަށް ރާވާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ކަމަކީ 2024 ގައި ފުރަތަމަ ފަހަރަށް ހަނދަށް އަންހެނަކު ފޮނުވުމެވެ. މިކަން ޕްރޮމޯޓްކުރަން އެކި ކަހަލަ ކަންކަން ވެސް އަންނަނީ ކުރަމުންނެވެ.
މިކަމުގައި، އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ އަރިއާނާ ގްރޭންޑީގެ ލަވައެއް ރިމިކްސްކޮށް، ޕްރޮމޯޝަނަކަށް ނާސާ އިން މިހާރު ވަނީ ބޭނުން ކުރަން ފަށައިފަ އެވެ.
މި ލަވައަކީ މި އަހަރުގެ ކުރީކޮޅު އަރިއާނާ ނެރުނު އޭނާގެ ފަސް ވަނަ އަލްބަމް "ތޭންކް ޔޫ، ނެކްސްޓް" ގައި ހިމެނޭ ލަވަ "ނާސާ" އެވެ. ލަވައިގައި ކިޔައިދެނީ ލޯބިވެރިއެއް ހުއްޓަސް، އެ މީހަކަށް އަމިއްލަ ވަގުތު ބޭނުންވާ ވާހަކަ އެވެ.
ޖައްވީ މަންޒަރުތަކާ އެކު ތައްޔާރުކޮށްފައިވާ އެރިއާނާ ލަވައިގެ ޅެން އެމުނިގެން އަންނަނީ މިކަހަލަ އިބާރާތްތަކަކުންނެވެ؛ "ޔޫ ޑޯންޓް ވޮނަ މީ ލީވް މީ، ބަޓް އަ އެމް ޓްރައިން މައިސެލްފް-ޑިސްކަވާ. ކީޕް މީ އިން ޔޯ އޯބިޓް އެންޑް ޔޫ ނޯ ޔޫ ވިލް ޑްރޭގް މީ އަންޑާ" އެވެ.
މި ލަވަ އަސްލަކަށް ބަލައިގެން އެޑިއުކޭޝަނަލް ޕެރޮޑީއެއްގެ ގޮތުގައި ނާސާ އިން ގެނެސްދިން ލަވައިގައި ކިޔަނީ މި ބާވަތުގެ ވާހަކައެކެވެ؛ "އައިއެސްއެސް އިން އޯބިޓް، އޯ ދަ ވިއުސް ވިލް މޭކް ޔޫ ވޮންޑާ. ބެކް ޓް ލޫނާ އޯބިޓް ދެއާ އިޒް ސްޓިލް މޯ ޓު އަންކަވާ" އެވެ.
އަރިއާނާގެ "ނާސާ" އިން ހިތްވަރު ހޯދައިގެން ނާސާ އިން ގެނެސްދިން ލަވައިގެ ވީޑިއޯ ވަނީ އެ ތަނުގެ ފޭސްބުކް ޕޭޖްގައި ވެސް ހިއްސާކޮށްފަ އެވެ. މި ލަވަ ތައްޔާރުކޮށްފައު ވަނީ ނާސާގައި އިންޓާނުންގެ ގޮތުގައި މަސައްކަތްކުރާ ޒުވާނުންތަކެއް ބޭނުންކޮށްގެންނެވެ.
"މި ލަވައިން ދައްކުވައި ދޭން ބޭނުން ވަނީ ޖައްވު ތަޖުރިބާކޮށްލަން އަންހެނުން ބޭނުންވާ ވަރާއި އެކަމަށް އެ މީހުން އެދޭ މިންވަރު،" ނާސާ އިން ބުންޏެވެ. "އަދި އަހަރެމެންގެ ބޭނުމަކީ މި ވީޑިއޯގެ ޒަރީޒާ އިން އާންމުންގެ ތެރޭގައި ސްޕޭސް އެކްސްޕްލޮރޭޝަނަށް އިތުރު ޝައުގުވެރިކަމެއް އުފެއްދުން."
ނާސާ އިން 2024 އަށް ރާވާފައިވާ އާޓެމިސް މިޝަންގެ ދަށުން ފުރަތަމަ ފަހަރަށް އަންހެނެއްގެ އިތުރުން އެހެން މީހަކު ވެސް ހަނދަށް ފޮނުވަން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.