09 ސެޕްޓެމްބަރ 2019 - 17:08

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އާ ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މަރިޔަމް ޝިއުނާ އަދި އާ ނައިބު ރައީސަކަށް ފާތިމަތު އަނޫލާ މިއަދު އިންތިޚާބުކޮށްފި އެވެ. އެ ދެ މަގާމަށް ޝިއުނާ އާއި އަނޫލާ އިންތިޚާބުކުރީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުންނެވެ.

އޭސީސީގައި މިހާރު ތިއްބެވި ބޭފުޅުންގެ ދައުރު ހަމަވުމުން އެ ކޮމިޝަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހަތަރު ބޭފުޅަކު މިއަދު އައްޔަންކުރައްވައިފަ އެވެ.
ކޮމިޝަންގެ ރައީސަކަށް ހުންނެވި ހަސަން ލުތުފީ އިސްތިއުފާ ދެއްވުމުން، ކޮމިޝަންގެ މެމްބަރުކަމަށް މިދިޔަ މަހު އައްޔަން ކުރެއްވީ އިބްރާހިމް ޝަކީލް އެވެ. އެވެ.
- މަރިޔަމް ޝިއުނާ، ސ. ހިތަދޫ، ނެދުންގެ
- ފާތިމަތު އަނޫލާ, ގ. ވަޑިނޮޅުގެ
- އާއިޝަތު އަބްދުﷲ، ޅ. ހިންނަވަރު، ރޯލްގޯލްގެ
- އަލީ އަޝްރަފު، ދަފްތަރު ނަންބަރު ރސ 3366
- އިބްރާހިމް ޝަކީލް
ކޮމިޝަންގެ ރައީސަކަށް ހަމަޖެއްސެވި ޝިއުނާ ކުރިން މަސައްކަތް ކުރެއްވީ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރަކަށެވެ. އޭނާ އަންނަނީ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ދާއިރާ އިން ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވަމުންނެވެ.
އަނޫލާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގަ އެވެ. އޭނާ ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ޝަރީއާ އެންޑް ލޯއިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
އާއިޝަތު އަބްދުﷲ އެންމެ ފަހުން ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގެ އޯޑިޓް އެގްޒެކެޓިވްގެ މަގާމުގަ އެވެ. އޭނާ ވަނީ އެކައުންޓިން އެންޑް ފައިނޭންސް ދާއިރާއިން ގައުމީ ޔުނިވާސިޓީގައި ފުރަތަމަ ޑިގްރީ ހާސިލްކުރައްވައިފަ އެވެ.
އަލީ އަޝްރަފަކީ ވިލާ ކޮލެޖުގެ ޑިރެކްޓާ އޮފް މާކެޓިންގެ މަގާމާއި ހިންގުމުގެ ދާއިރާގެ އެކިއެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އަންނަނީ ޔުނިވާސިޓީ އޮފް ވެސްޓާން އިންގްލެންޑުގެ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވަމުންނެވެ.