09 ސެޕްޓެމްބަރ 2019 - 13:28

އެޓާނީ ޖެނެރަލްގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ ކަމަށް ބޭފުޅަކު މިއަދު އައްޔަން ކޮށްފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް އައްޔަންކުރީ އަހުމަދު ޝިޔާއު އެވެ. މަގާމު ހަވާލުކުރެއްވީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމެވެ.
ސީއެސްސީ އިން ބުނިގޮތުގައި ޝިޔާއު އަކީ މެލޭޝިއާ އިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ކުރިން ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ކަމާއި އިސްލާމިކް ޔުނިވާސިޓީގެ ޑިރެކްޓަރު ކަމުގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުގައި ވެސް އިސް މަގާމުތަކެއް އަދާ ކުރައްވައި، އިދާރީ އަދި އިންސާނީ ވަސީލަތްތަކާ ބެހޭ ގޮތުން ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ސީއެސްސީން ބުންޏެވެ.
ޕާމަނަންޓް ސެކްރެޓަރީ އައްޔަން ކުރާނީ އެ މިނިސްޓްރީއެއް ހިންގާ ވަޒީރުގެ ލަފާގެ މަތިން ސީއެސްސީންނެވެ.