09 ސެޕްޓެމްބަރ 2019 - 14:08

ރިޔާޒް (ސެޕްޓެމްބަރު 9) - ސައުދީ އަރަބިއާގެ ކެބިނެޓުގެ އެންމެ މުހިންމު އެއް މަގާމު ކަމަށްވާ ތެލާ ބެހޭ ވަޒީރުގެ މަގާމަށް ރަސްގެފާން ސަލްމާންގެ ދަރިކަލުން ޕްރިންސް އަބްދުލް އަޒީޒް ހަމަޖައްސައިފި އެވެ.

މިއީ ސައުދީގެ ތެލާ ބެހޭ މިނިސްޓްރީ ހިންގަން އާލް ސުއޫދު އާއިލާގެ ބޭފުޅަކު ހަވާލުވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ވަނަ އަހަރުގެ ފަހުން ސައުދީގެ ތެލާ ބެހޭ ވަޒީރުކަން އަދާކުރައްވާފައި ވަނީ ފަސް ބޭފުޅެކެވެ.

ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ އެއް ބައްޕާފުޅު ޕްރިންސް އަބްދުލް އަޒީޒް އަކީ ހަކަތައާ ބެހޭ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އުމުރުފުޅުން 20 ގެ އަހަރުތަކުގައި ޕްރިންސް އަބްދުލް އަޒީޒް ވަނީ ތެލާ ބެހޭ ވަޒީރުގެ އެޑްވައިޒަރުގެ މަގާމަށް 1985 ވަނަ އަހަރު ހަމަޖައްސައިފަ އެވެ. އޭގެ ފަހުން 1995 ވަނަ އަހަރު ވަނީ ތެލާ ބެހޭ ވަޒީރުގެ ނައިބުގެ މަގާމަށް ހަމަޖައްސައިފަ އެވެ. އެ މަގާމު ވަނީ ދިހަ ވަރަކަށް އަހަރު ފުރުއްވައިފަ އެވެ. އެސިސްޓެންޓް އޮއިލް މިނިސްޓަރުގެ މަގާމު ވަނީ 2017 ވަނަ އަހަރާ ހަމައަށް އަދާކުރައްވައިފަ އެވެ. އޭގެ ފަހުން އަދާކުރެއްވީ މިނިސްޓަ އޮފް ސްޓޭޓް ފޯ އެނާޖީ އެފެއާޒްގެ މަގާމެވެ.
ޕްރިންސް އަބްދުލް އަޒީޒް، 59، ވަނީ ކިންގް ފަހުދު ޔުނިވާސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނެރަލްސް އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
ތެލާ ބެހޭ ވަޒީރުގެ މަގާމުން ދުރުކުރި ޚާލިދު އަލް ފާލިހު ވަނީ ސައުދީ ސަރުކާރުގެ ތެޔޮ ކުންފުނި އަރާމްކޯގެ ޗެއާމަންގެ މަގާމުން ވެސް ކުރިން ވަކިކޮށްފަ އެވެ.
ސައުދީ އަރަބިއާގެ ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުގައި ވެސް ހުންނެވީ ސަލްމާންގެ ދަރިކަލެއް ކަމަށްވާ 31 އަހަރުގެ ޕްރިންސް ޚާލިދު ބިން ސަލްމާނެވެ. ޕްރިންސް ޚާލިދު ކުރިން ހުންނެވީ އެމެރިކާ ސަފީރުގެ މަގާމުގަ އެވެ.