20 ސެޕްޓެމްބަރ 2016 - 12:48

މޮނާކޯ (ސެޕްޓެމްބަރު 20) - ރެއާލް މެޑްރިޑަށް ބަދަލުވެ ފަސޭހައިގައި އުޅެން ޕައުލް ޕޮގްބާ އަށް ލިބުނު ފުރުސަތު އޭނާ ދޫކޮށްލީ މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ ޗެލެންޖާ ކުރިމަތިލާން ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.
ޔުވެންޓަސް ދޫކޮށް ދުނިޔޭގެ ރެކޯޑް އަގަކަށް ޔުނައިޓެޑަށް ބަދަލުވި ޕޮގްބާ އަށް އެ ކްލަބާ އެކު ރަނގަޅު ކުޅުމެއް ނުދެއްކޭ ކަމަށް ބުނެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވީ ރެއާލް މެޑްރިޑާއި ޗެލްސީން ފުރުސަތު ލިބިފައިވަނިކޮށެވެ.
"ޕޮގްބާ އަށް ރެއާލް މެޑްރިޑަށް ދިޔަ ނަމަ ފަސޭހަ ވެސް ވީސް. ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގައި ކުޅެވޭނެ. އެކަމަކު އޭނާ ބޭނުންވީ އުނދަގޫ ޗެލެންޖް. ޕޮގްބާ ބުނި ޔުނައިޓެޑަށް އޭނާގެ ހިތުގައި ހާއްސަ ޖާގައެއް އޮވެޔޭ،" ރައިއޯލާ ބުންޏެވެ.
ރައިއޯލާ ބުނީ ޗެމްޕިއަންސް ލީގުގައި ވާދަނުކުރާއިރު ވެސް ޕޮގްބާ ފަދަ ކުޅުންތެރިޔަކު ގެނައުމުން ޔުނައިޓެޑުން ދައްކުވައިދިނީ އެ ޓީމަކީ ދުނިޔޭގެ އެންމެ ބޮޑު ޓީމު ކަން ކަމަށެވެ.
"ޕޮގްބާ ހޯދަން އެ ޓީމު މަސައްކަތްކުރާތާ ދެ އަހަރުވެއްޖެ. އެ ޓީމުން ހުރިހާ ކްލަބަކަށް ގޮންޖަހާލުމަށް ފަހު އެކަން ކާމިޔާބުކުރީ،" ރައިއޯލާ ބުންޏެވެ.