09 ސެޕްޓެމްބަރ 2019 - 11:16

ބޭރޫތު (ސެޕްޓެމްބަރު 9) - ލުބުނާނުގެ ދެކުނުގެ ޓައުނެއް ކަމަށްވާ ރަމީޔާހަށް ފޮނުވާލި އިޒްރޭލުގެ ޑްރޯނަކަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށް ހިޒްބުﷲ ޖަމާއަތުން ބުނެފި އެވެ.
ހިޒްބުﷲގެ އަލް މަނާރު ޓީވީން ބުނީ ވައްޓާލި ޑްރޯން މިހާރު އޮތީ ހިޒްބުﷲ ގެ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ހިޒްބުﷲ އާއި އިޒްރޭލުން މިދިޔަ ހަފުތާގައި ވެސް ވަނީ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. ދެކުނު ލުބުނާނަށް އިޒްރޭލުން ފޮނުވާލި ޑްރޯން ހަމަލާތަކާ ގުޅިގެން ހިޒްބުﷲ އިން ވެސް މިދިޔަ ހަފުތާގައި ވަނީ ރައްދުގައި ރޮކެޓް ހަމަލާދީފަ އެވެ.
ލުބުނާނުގެ ބެކާ ވެލީގައި މިސައިލް ފެކްޓަރީއެއް ހިޒްބުﷲ އިން ހަދަމުންދާ ކަމަށް އިޒްރޭލުން ވަނީ ތުހުމަތުކޮށްފަ އެވެ. އިޒްރޭލުގެ އެ ތުހުމަތު ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ވަނީ ދޮގު ކުރައްވައިފަ އެވެ.
އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ހިޒްބުﷲ ގެ ލީޑަރު ވަނީ ވަރުގަދަ އިންޒާރުތަކެއް ވެސް ދެއްވައިފަ އެވެ.
ހިޒްބުﷲ އާއި އިޒްރޭލުން 2006 ވަނަ އަހަރު ވަނީ މަސް ދުވަހަށް ދެމިގެން ދިޔަ ހަނގުރާމައެއް ކޮށްފަ އެވެ.