މެސީ އާއި ނޭމާ ގަންނަން ސިޓީން މަސައްކަތްކުރި
މެސީ އާއި ނޭމާ ގަންނަން ސިޓީން މަސައްކަތްކުރި

މެންޗެސްޓާ (ސެޕްޓެމްބަރު 20) - ބާސެލޯނާގެ ލިއޮނަލް މެސީ އާއި ނޭމާ، މެންޗެސްޓާ ސިޓީ އަށް ގެންދަން އެ ކްލަބުން މި ފަހަރު ވަރަށް ބޮޑަށް މަސައްކަތްކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިނގިރޭސި އަދި ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސިޓީން ވަނީ އޭގެ ތެރެއިން އެކަކުގެ ސޮއި ހޯދުމަށް ބާސެލޯނާއާ އެކު ތިން ފަހަރެއްގެ މަތިން ވާހަކަތައް ބާއްވައިފަ އެވެ. އެކަމަކު އެ ދެ ކުޅުންތެރިން ވެސް ކްލަބް ބަދަލުކުރަން ބޭނުންވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މެސީ ވަނީ ބާސެލޯނާއާ އެކު ގިނަ ކާމިޔާބީތައް ހޯދައިފަ އެވެ. ޓެކްސް މައްސަލައިގައި ބާސެލޯނާގެ ކޯޓަކުން މެސީ ޖަލަށްލާން ކުރި ހުކުމާ އެކު އޭނާ ކްލަބް ބަދަލުކުރަން މަސައްކަތްކުރި ކަމަށް ވެސް ވާހަކަތައް ދެކެވުނެވެ.

ސިޓީ އަށް މެސީ ގެންދަން އެންމެ ބޮޑަށް މަސައްކަތްކުރީ ސިޓީގެ ސްޕޯޓިން ޑިރެކްޓަރު އަދި ބާސެލޯނާގެ ކުރީގެ ނައިބް ރައީސް ފެރަން ސޮރިއާނޯ އެވެ. އޭނާ ސިޓީ އަށް ބަދަލުވި ނަމަ، ފޯވާޑް ލައިންގައި ކުޅެން ޖެހޭނީ ގައުމީ ޓީމުގެ ޕާޓްނަރު ސާޖިއޯ އަގުއޭރޯއާ އެކު އެވެ.

މެސީ އާއި ނޭމާ ނުލިބުނު ނަމަވެސް ގާޑިއޯލާ ވަނީ މަޝްހޫރު ގިނަ ކުޅުންތެރިން ގެނެސް ސިޓީ ވަރުގަދަކޮށްފަ އެވެ. އެ ޓީމު މިހާރު އޮތީ 15 ޕޮއިންޓާ އެކު ޕްރިމިއާ ލީގުގެ އެއް ވަނައިގަ އެވެ.