09 ސެޕްޓެމްބަރ 2019 - 09:16

ޔޫކްރެއިންގެ ސޯޝަލް މީޑިއާގައި ނުފޫޒުގަދަ 45 މީހުންގެ ޓީމެއް ރާއްޖެ އައިސް އިޝްތިހާރު ކުރަން ފަށައިފި އެވެ.
މިއީ ރިސޯޓް ލައިފްގެ ފަރާތުން ރާއްޖެ އިޝްތިހާރު ކުރުމަށް ގެނައި ޓީމެކެވެ. މި މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ކަނޑިންމަ ރިސޯޓާއި ރިއު ހޮޓެލްސް މޯލްޑިވްސްގަ އެވެ.
އެމްއެމްޕީއާރުސީން ވެސް ވަނީ މި އަހަރުގެ ތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުގެ މަޝްހޫރު ނޫސް މަޖައްލާތަކުގެ ނޫސްވެރިންނާއި ބްލޮގަރުންގެ އިތުރުން ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ގެނެސްފަ އެވެ.
ޔޫކްރެއިނުން އިއްޔެ އައި މި ޓީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ތޮއްޔިބު އެވެ. އޭނާ ވިދާޅުވީ އަމިއްލަ ފަރާތްތަކުން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރަމުން އަންނަ މިފަދަ ކަންތައްތައް އަބަަދުވެސް ބަލައިގަންނަ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ރަނގަޅު ނަތީޖާ ފެންނަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފަދަ ފެމިލަރައިޒޭޝަން ޓްރިޕްތަކުން ކާމިޔާބު ނަތީޖާއެއް ދައްކާ. މިހާތަނަށް ހިންގާފައިވާ މިފަދަ އެކި ހަރަކާތްތަކުގެ ސަބަބުން އެ މާކެޓްތަކުން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައި،" ތޮއްޔިބު ވިދާޅުވި އެވެ.
މި އަހަރުގެ ޓޫރިޒަމް ތަފާސްހިސާބުތައް ދައްކާގޮތުން ޔޫކްރެއިން އިން ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 12.6 ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން 7،623 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފަ އެވެ.