ބޯޓަށް ނާރައި މީހަކު ފިލުމުން ފްލައިޓް ޑިލޭވެއްޖެ
ބޯޓަށް ނާރައި މީހަކު ފިލުމުން ފްލައިޓް ޑިލޭވެއްޖެ

މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސްރީ ލަންކާ އަށް ފުރަން ބޯޓު ކައިރިއަށް ދިޔުމަށް ފަހު ބަންގްލަދޭޝް މީހަކު ފިލުމުން ފްލައިޓް ނުފުރި ޑިލޭވެއްޖެ އެވެ.

މިރޭ ނުވައެއް ޖަހާއިރު ފުރަން އޮތް އެ ބޯޓުގައި އިން މީހަކު ބުނިގޮތުގައި ބިދޭސީ މީހާ ފިލީ، ބޯޓަށް އެރުމަށް ސިޑި ކައިރިއަށް ދިޔުމަށް ފަހު އެވެ. އެ މީހާ އެއާޕޯޓު ސެކިއުރިޓީން ވަނީ ކާގޯ ޓާމިނަލްގެ ތެރެއިން ހޯދައިފަ އެވެ. އެކަމަކު އޭނާ ދެ ވަނަ ފަހަރަށް ފްލައިޓަށް އެރުވުމަށް ބޯޓުގެ ކެޕްޓަން ދެކޮޅު ހެދުމުން، ބޯޓަށް ނުފުރި ލަސްވި އެވެ.

އެނގިފައިވާ ގޮތުގައި އެ ބިދޭސީ މީހާ އަކީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެނިކޮށް ޑީޕޯޓްކޮށްލަން އުޅުނު މީހެކެވެ.

"ސިޑިއާ ހަމައަށް އައިސް އެ މީހާ ދުވެފައި ފިލީ. ސެކިއުރިޓީން އޭނާ ހޯދީ. އޭނާ އަނެއްކާ ވެސް ފްލައިޓަށް އަރުވަން އުޅުމުން އެކަމަށް ކެޕްޓަން ދެކޮޅު ހެދީ،" މަންޒަރު ދުށް މީހާ ކިޔައިދިނެވެ.

އޭނާ ބުނީ ފްލައިޓް ޑިލޭ ވުމުގެ ސަބަބުން ހުރިހާ ފަސިންޖަރުން ވެސް ތިބީ ހިތްހަމަ ނުޖެހިފައި ކަމަށެވެ. ބޯޓު ފުރީ 11:30 ވި ފަހުންނެވެ.

މަންޒަރު ދުށް މީހުން ވަނީ، އެއާޕޯޓު ތެރެއިން ބަޔަކު ފިލުމުން އެ ތަނުގެ ސެކިއުރިޓީއާ މެދު ސުވާލު އުފައްދައި ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.