08 ސެޕްޓެމްބަރ 2019 - 19:48

އައްޑޫގެ ގުޅިފައިވާ އަވަށްތަކުން މިއަދު ހަވީރު ކަރަންޓު ކެނޑި، މައްސަލަ ހައްލުވާނެ އިރެއް ވެސް ނޭނގި އާންމުންނަށް ދަތިވެއްޖެ އެވެ.
އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސާދިގް (ސޯބެ) "މިހާރު" އަށް ވިދާޅުވީ ކަރަންޓު ކެނޑުނީ އަސްރު ފަހުން ކަމަށާއި މައްސަލަ ދިމާވެގެން އުޅެނީ ޓްރާންސްފޯމަރެއް ހަލާކުވެގެން ކަމަށެވެ. އައްޑު އަށް ކަރަންޓް ދޭ ފެނަކަ އިން ބުނީ މައްސަލަ ހައްލުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ކަރަންޓު ލިބޭނެ އިރެއް ބުނަން އަދި ނޭނގޭ ކަމަށެވެ.
ހަވީރު 5:00 ހާއިރު ކަރަންޓު ކެނޑުމުން ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތަށް ވެސް ކޮންމެވެސް ވަރަކަށް ބުރޫ އެރި އެވެ. އެތަނުގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ރިންނާ ހަސަން ވިދާޅުވީ އެއާޕޯޓުގެ ބެކްއަޕް ޖެނެރޭޓަރުގެ އެހީގައި އެތަނުގެ ރަންވޭ އާއި ޓާމިނަލަށް މިހާރު ކަރަންޓް ދީފައިވާ ކަމަށެވެ.
"ކުޑަ ވަގުތުކޮޅަކަށް ޗެކް-އިން ވުން މަޑުޖައްސާލިން، އެކަމަކު މިހާރު އެކަން ވެސް ކުރިއަށް އެބަ ދޭ،" ރިންނާ ވިދާޅުވި އެވެ.
އައްޑޫގެ ގުޅިފައިވާ ހަތަރު އަވަށުން ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުވެ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ ކުރިން ވެސް އެތައް ގަޑިއިރަކަށް ކަރަންޓު ކެނޑިފައިވެ އެވެ.
ކަރަންޓް ކެނޑޭ މައްސަލަ ހައްލުކުރުމުގެ ގޮތުން 1.6 މެގަވޮޓްގެ އާ ޖެނެރޭޓަރެއް އިންސްޓޯލްކޮށް، ކަރަންޓް ދޭން ފަށާފައިވާ ކަމަށް މިދިޔަ ޖޫން މަހު ފެނަކަ އިން ބުނެފައިވެ އެވެ. އައްޑޫގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން 20 މެގަވޮޓްގެ ޕަވަ ގްރިޑެއް އެޅުމަށް މަސައްކަތް ކުރަމުން އަންމަ ކަމަށް ވެސް ބުނެފައިވެ އެވެ.