08 ސެޕްޓެމްބަރ 2019 - 17:30

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ ކަމުގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް މިއަދު އެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

އާ ގަވަރުނަރެއް މި އައްޔަންކުރީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނަސީރު މިދިޔަ ޖުލައި މަހު އިސްތިއުފާ ދެއްވުމުންނެވެ.
ފިނޭންސް މިނިސްޓަރުކަން 2008-2010 އަށް، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަދާކުރެއްވި އަލީ ހާޝީމް ގަވަރުނަރުކަމަށް އައްޔަންކުރެއްވުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދަށު ކޯޓުތަކުން އިންތިހާބުކުރި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު ވެސް މިއަދު ވަނީ އެ މަގާމަށް އައްޔަންކުރައްވައިފަ އެވެ.
މި ބޭފުޅުން މަގާމަށް އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރެއްވީ ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ވަކިވަކީން ބޭއްވެވި ދެ ރަސްމިއްޔާތެއްގަ އެވެ.
އަލީ ޝަރީފް މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި ކުރެއްވި އެވެ. ހުވައިލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
އަލީ ޝަރީފް މަގާމަށް އިންތިހާބުވީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި އިންތިހާބުގަ އެވެ.
ގަވަރުނަރުކަމަށް އައްޔަންކުރެއްވި އަލީ ހާޝިމް ވަނީ އައްޑޫ އިންޓަނޭޝަނަލް ކުންފުނީގެ ޗެއާމަންކަން ވެސް ކުރިން ކުރައްވައިފަ އެވެ. އެންމެ ފަހުން ހުންނެވީ ޕްރެޒިޑެންޝަލް އެކްޝަން ކޮމެޓީގެ ޗެއާމަނަކަށެވެ.