08 ސެޕްޓެމްބަރ 2019 - 17:11

މިދިޔަ ސަރުކާރުގައި ހއ. އިހަވަންދޫން ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ، ގޯތި ދިން މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން ބާތިލްކޮށްފި އެވެ.
އިހަވަންދޫން ގޯތި ދޫނުކުރާތާ 10 އަހަރަށް ފަހު ގޯއްޗަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ 2016 ވަނަ އަހަރު އެވެ. އޭރު ދޫކުރި 100 ގޯއްޗަށް، 400 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެ ގޯތިތަކަށް ހޮވުނު މީހުންނަށް، މިދިޔަ އަހަރު ވަނީ އެކަމުގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ. އަދި އިތުރު 100 ގޯއްޗަށް ކުރިމަތިލުމަށް އޭރު އިއުލާން ވެސް ކުރި އެވެ.
އެކަމަކު ސަރުކާރު ބަދަލުވުމާއެކު އިހަވަންދޫ ކައުންސިލުން ވަނީ ގޯތި ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެ މައްސަލަ ހައުސިން މިނިސްޓްރީއަށް ހުށަހަޅައިފަ އެވެ.
ގޯއްޗަށް އެދި ކުރިމަތިލުމަށް ހުޅުވާލީ އިހަވަންދޫގައި ކުރިން އޮތް ކައުންސިލުން ނަމަވެސް ގޯތި ދޫކުރުމުގެ މަސައްކަތް އަމަލީ ގޮތުން ކުރީ މިހާރު އޮތް ކައުންސިލުންނެވެ. އެކަމަކު މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އޭރުގެ ސަރުކާރުން ވަނީ އެ ރަށުގެ ފަސް ކައުންސިލަރުން ހަ މަހަށް ސަސްޕެންޑްކޮށްފަ އެވެ. އޭގެ ފަހުން ގޯތި ދޫކުރުމުގެ ކަންކަން ކުރީ ހައުސިން މިނިސްޓްރީގެ ޓީމަކުންނެވެ. ސަސްޕެންޝަން ނިމި ކައުންސިލަރުން އޮފީހަށް ނުކުންނެވުމުގެ ކުރިން މިނިސްޓްރީން ވަނީ ގޯތި ދޫކޮށް އެކަމުގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.
އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ މިނިސްޓްރީން ގޯތި ދޫކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށާއި އެގޮތުން ބައެއް ލިޔެކިޔުންތަކަށް ބަދަލު ގެނެސްގެން މީހުންނަށް ގޯތި ދީފައިވާ ކަމަށެވެ. އަދި ނުބައި މައުލޫމާތު ދީގެން، ވަކި ބަޔަކަށް ގޯތި ދޫކޮށްފައިވާ ކަމަށް ކައުންސިލުން ތުހުމަތު ކުރި އެވެ.
"ހުށަހަޅާފައިވާ ވަރަށް ގިނަ ޑޮކިއުމަންޓްތަކަށް ވަނީ އުނި އިތުރު ގެނެސްފައި. މީހުން ހުށަހެޅި ތަކެއްޗަށް ބަދަލު ގެނެސް، ނުބައި މައުލޫމާތު ހިމަނާފައި ހުރި. އެހެންވެ، އަޅުގަނޑުމެން ސަސްޕެންޝަން ހަމަވުމާއެކު އަލުން ލިސްޓު ބަލައި، ހެއްކާއެކު މިނިސްޓްރީއަށް ހުށަޙެޅީ. އޭރު އޮތީ ސަރުކާރު ބަދަލުވެފައި،" 3،400 އަށް ވުރެ ގިނަ މީހުން އުޅޭ ރަށުގެ ކައުންސިލް ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލަ މިނިސްޓްރީން ބެލުމަށް ފަހު މިއަދު ލިސްޓު ބާތިލްކޮށްފައިވާ ކަމަށެވެ. އަދި 200 ގޯއްޗަށް އަލުން ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި އިހަވަންދޫ ކައުންސިލް ތިން ފަހަރެއްގެ މަތިން ގިނަ ދުވަސްތަކަކަށް ސަސްޕެންޑްކޮށްފައި ވެ އެވެ. އެގޮތުން އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ 2017 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން އެ ރަށުގައި ބޭއްވި ހަފުލާގައި ކައުންސިލަރުން ބައިވެރިވަޑައިނުގެން އެކަމަށް ހުރަސް އެޅުއްވި ކަމަށް ބުނެ އެވެ.