08 ސެޕްޓެމްބަރ 2019 - 16:27

އިސްލާމްއާބާދު (ސެޕްޓެމްބަރު 8) - ޕާކިސްތާނުގެ ތަރައްގީގެ މަޝްރޫއުތަކުގައި ބެއިޖިން އިން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކުރަން ނިންމާފައިވާ ކަމަށް ޗައިނާ ސަފީރު ވިދާޅުވެއްޖެ އެވެ.
އިސްލާމްއާބާދު ވިމެންސް ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގައި ވާހަކަ ދައްކަވަމުން ޗައިނާ ސަފީރު ޔާއޯ ޖިންގް ވިދާޅުވީ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ގެ ދަށުން ކުރިއަށް ދާ މަޝްރޫއުތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ޗައިނާ-ޕާކިސްތާން ފްރީ ޓްރޭޑް އެގްރީމެންޓުގެ ދެ ވަނަ ފިޔަވަހި އަންނަ އޮކްޓޯބަރު މަހަށް ނިންމާލެވޭނެ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން، ޕާކިސްތާނުގެ އެކްސްޕޯޓުގެ 90 ޕަސެންޓް މުދަލަށް ޗައިނާ އިން ނަގާނީ ޒީރޯ ޕަސެންޓުގެ ޑިއުޓީ ކަމަށެވެ.
"ޕާކިސްތާނުގެ އެކްސްޕޯޓުގެ މާކެޓް 500 މިލިއަން ޑޮލަރަށް އަރާނެ،" ޔާއޯ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ނޮވެމްބަރު މަހު އޮންނަ އިސްލާމްއާބާދު އެކްސްޕޯ އަށް ޗައިނާގެ އަންހެން ވިޔަފާރިވެރިންނަށް ދައުވަތު ދޭނެ ކަމަށެވެ. އަދި ޕާކިސްތާނުގެ އަންހެން ވިޔަފާރިވެރިން ވެސް ޗައިނާ އެކްސްޕޯތަކަށް ފޮނުވާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.