ބާ ކައުންސިލުން ވަކީލުންގެ ފޯރަމެއް މާދަމާ ރޭ ބާއްވަނީ
ބާ ކައުންސިލުން ވަކީލުންގެ ފޯރަމެއް މާދަމާ ރޭ ބާއްވަނީ

ގާނޫނީ ވަކީލުން އެއް ތަނަކަށް އެއްވެ މަޝްވަރާ ކުރަން މާދަމާ ރޭ ފޯރަމެއް ބާއްވަން ބާ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު މުހައްމަދު އަސީލު "މިހާރު" އަށް މިއަދު ވިދާޅުވީ "ބާ ކައުންސިލް ފޯރަމް" ގެ ނަމުގައި ބާއްވާ އެ ފޯރަމް އޮންނާނީ އިސްލާމިކް ޔުނިވާސިޓީގެ މައި އިދާރާގައި މާދަމާ ރޭ 8:30 ގައި ކަމަށެވެ. އެއީ، އާއްމުކޮށް ކޮންމެ ވަކީލަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ފޯރަމެކެވެ.

"އަޅުގަނޑުމެން އެދެނީ ހަމަ ވީހާ ވެސް ގިނަ ވަކީލުން ވަޑައިގަންނަވަން. އޯޕަން އިންވިޓޭޝަނެއް އެބައޮތް ހުރިހާ ވަކީލުންނަށް ވެސް،" އޭނާ ވިދާޅުވި އެވެ.

މި ފޯރަމްގައި، ވަކީލުން މަޝްވަރާ ކުރާނީ މައިގަނޑު ތިން ކަމަކާ ބެހޭ ގޮތުން ކަމަށް އަސީލް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ ގާނޫނީ ދާއިރާގައި ވަކީލުން ފާހަގަކުރާ ކަންބޮޑުވުންތަކެވެ. ދެވަނަ ކަމެއްގެ ގޮތުން މަޝްވަރާ ކުރާނީ ބާ ކައުންސިލް އުފެއްދި، "ގާނޫނީ ފަންނުގެ ގާނޫނު"ން ލާޒިމް ކުރާ ބައެއް ގާނޫނު ތަކުގެ ޑްރާފްޓާ މެދުގަ އެވެ.

ތިން ވަނަ ކަމަކީ އަސީލް ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާއިޝަތު ޝުޖޫން އެ މަގާމަށް ވަޑައިގެންނެވުމުން ބާ ކައުންސިލުން ހުސްވެފައިވާ މަގާމަށް ބޭފުޅަކު ހޮވަން ބާއްވާ ބައި އިލެކްޝަނެވެ.

"ބާ ކައުންސިލުން މިހާރު ނިންމާފައި އޮތީ މި މަހުގެ 28 ގައި ބައި އިލެކްޝަން ބާއްވަން،" އަސީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަޝްވަރާ ކުރަން ހަމަޖެހިފައިވާ މައިގަނޑު ކަންތައްތަކުގެ އިތުރުން ބާ ކައުންސިލުން އަންނަ އަހަރު ކުރާނެ ކަންތައްތަކާ މެދު ވެސް ކޮންމެވެސް ވަރަކަށް މާދަމާ ރޭ ވާހަކަ ދައްކާނެ އެވެ.

ބާ ކައުންސިލުން މިހާރު ނިންމާފައި ވަނީ ކޮންމެ މަހަކު ވެސް ފޯރަމްތައް ބޭއްވުމަށެވެ.