ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ހުސްވި މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުން މި މަހު ބާއްވަނީ
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ހުސްވި މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުން މި މަހު ބާއްވަނީ

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ހުސްވެފައިވާ މަގާމަށް ބޭފުޅަކު އިންތިޚާބުކުރަން ބާއްވާ ބައި އިލެކްޝަން މި މަހު ބާއްވަން އެ ކައުންސިލުން ނިންމައިފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މަގާމެއް ހުސްވީ އެ ކޮމެޓީގެ މެމްބަރަކަށް ހުންނެވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކަނޑައެޅުމުން އެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވުމުންނެވެ.

ބާ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނީ ބައި އިލެކްޝަން މި މަހުގެ 28 ވަނަ ދުވަހު ބާއްވަން އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ނިންމާފައިވާ ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނު ބުނާގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުންގެ ދައުރަކީ ތިން އަހަރެވެ. އަދި އެ ކޮމެޓީގެ މަގާމެއް ހުސްވާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ މަގާމަށް އަލުން ބޭފުޅަކު އިންތިޚާބު ކުރަން އެ ގާނޫނު ލާޒިމް ކުރެ އެވެ.