20 ސެޕްޓެމްބަރ 2016 - 13:08

ދިވެހިން އުއްމީދުކުރަނީ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެއާ މެދު ގޮތެއް ނިންމާނީ ހަލާތާއި ހަގީގަތަށް ބެލުމަށްފަހު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހިން އުއްމީދުކުރަނީ ރާއްޖޭގެ ސިޔާސީ ކަންތައްތަކާ މެދު ސީމެގުން ގޮތެއް ނިންމަން ވާނީ ބައިވެރިވާ ގައުމުތަކުގެ ސިޔާސީ މަސްލަހަތަށް ނޫން ކަމަށާއި ހާލަތާއި ހަގީގަތަށް ބެލުމަށްފަހު ކަމަށެވެ.
ރައީސް ނަޝީދު އެގޮތަށް ގޮވާލެއްވިއިރު ރާއްޖޭގެ މަސްރަހު ދުވަހެއް ދުވަހަކަށް ދަށަށް ދާ ކަމަށް ބުނެ ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑު ކުރަން އިންސާނީ ހައްގުތަކާއި ޑިމޮކްރެސީއާ ގުޅުން ހުރި ކަންކަމުގައި ކޮމަންވެލްތަށް ލަފާ ދޭ ކޮމަންވެލްތު ހިއުމަން ރައިޓްސް އިނީޝިއޭޓިވް (ސީއެޗްއާރުއައި) ން ވަނީ ހުށަހަޅައިފަ އެވެ.
އެ ޖަމާއަތުން އެގޮތަށް ހުށަހެޅިއިރު، މި މަހުގެ ކުރީކޮޅު ރާއްޖެ އައިސް ބެލި ބެލުންތަކަށް ފަހު ރިޕޯޓެއް އެކުލަވާލައި ކޮމަންވެލްތަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އަންނަ ހުކުރު ދުވަހު ބާއްވާ ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ ބައްދަލުވުމުގައި ރާއްޖެއާ ގުޅޭ ގޮތުން ކަންތައްތަކެއް ނިންމައިދޭން ވަނީ އެދިފަ އެވެ.
ސީއެޗްއާރުއައިން އިއްޔެ އާއްމުކުރި ރިޕޯޓުގައި ބުނި ގޮތުގައި ރާއްޖޭގެ ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ދިވެހި ސަރުކާރުން ކުޑަ ވެސް ފަރުވާލެއް ނުބަހައްޓާއިރު، ޑިމޮކްރެސީ އާއި ގާނޫނުގެ ހުކުމާއި އިންސާނީ ހައްގުތަކުގެ ހާލަތު ރާއްޖޭގައި ދަނީ ދަަށަށެވެ. އެ ގޮތުން ދައުލަތުން ކުރަމުންދާ ކަންކަމުގެ ތެރޭގައި، އަސާސީ ހަައްގުތައް ނިގުޅައިގަތުމާއި އިދިކޮޅު ސިޔާސީ ފަރާތްތައް ނައްތާލުން އަދި ދައުލަތުގެ ބާރުތަކާއި މިނިވަން މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ހިމެނެ އެވެ.
ސީމެގުން ކުރިން ބޭއްވި ބައްދަލުވުންތަކުގައި ރާއްޖެ އަށް ހުށަހެޅި ހަ ކަންތައް އިސްލާހުކޮށްފައިވޭތޯ ހުކުރު ދުވަހުގެ ބައްދަލުވުމުގައި ބަލައި ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހޭތޯ ނުވަތަ ނޫންތޯ ކަނޑައަޅާނެ އެވެ.
ކޮމަންވެލްތުން ރާއްޖެ ސަސްޕެންޑުކުރަން ހުށަހެޅިއިރު، 53 މެމްބަރު ގައުމު ހިމެނޭ ޖަމާއަތުން ރާއްޖެ ވަކިވާން ސަރުކާރުން މަޖިލީހަށް ހުށަހެޅި އެވެ. އެ މައްސަލަ އަދިވެސް އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގަ އެވެ.