07 ސެޕްޓެމްބަރ 2019 - 21:14

ގައުމީ އެތުލެޓިކްސް މުބާރާތުގެ 1500 މީޓަރު ދުވުމުގެ ރޭހުގައި މިއަދު ފަހު 200 މީޓަރާ ހަމަޔަށް ދިޔައިރު، ކުރީގައި އޮތީ ހުސެއިން ރިޒާ (ކުޑަރިޒާ) އެވެ. އޭނާގެ ފަހަތުގައި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) ވިއްދާފައި އޮތެވެ. ސިފައިންގެ ޓީމުގެ އެ ދެ ދުވުންތެރިންގެ ތެރެއިން ކުރި ހޯދާނީ ކާކުކަމެއް ލަފާކޮށްލަން ނޭގެ އެވެ. އެކަމަކު ފަހު ދިހަ ވަރަކަށް މީޓަރާ ހަމަޔަށް ދިޔައިރު ވެސް ރިޒާ ލީޑުގައި އޮތުމުން އޭނާ އެއް ވަނަ ހޯދާނެ ކަމަށް ޔަގީންކުރެވުނެވެ. އަދި ކާމިޔާބީގެ އުފާފާޅުކުރަން އޭނާ އަށް ބޭއިހުތިޔާރުގައި އަތްއުފުލާލެވުނެވެ.

ދެންވީ އާދަޔާހިލާފު ގޮތެކެވެ. މޮޅުވީ ކަމަށް ބަލައި ރިޒާގެ ދުވެއްޔަށް ގެނައި ކުޑަ މަޑުޖެހިލުމުގެ ފައިދާ ނަގައި، ފަޒީލް ދެމި ގަތީ އެވެ. ސިކުންތެއްގެ ބައިކުޅަބައިގެ ތަފާތުން އެއް ވަނަ ހޯދީ އެވެ. ފަޒީލް 4 މިނެޓު 11:44 ސިކުންތުން ނިންމިއިރު ރިޒާގެ ޓައިމުން އަކީ 4 މިނެޓު 11:56 ސިކުންތެވެ. މިއީ ޒުވާން ރިޒާ އަށް ލިބުނު ރަނގަޅު ފިލާވަޅެކެވެ. އޭނާ ވަނީ ހެދުނު ގޯސް ގަބޫލުކޮށް އެކަމުން ފިލާވަޅު ނަގާނެ ކަމަށް ބުނެފަ އެވެ.

"ފަހަތުން (ފަޒީލް) އަންނަ އަޑެއް ނީވޭ. އެހެންވެ މޮޅުވި ކަމަށް ބެލެވި އުފާފާޅުކުރެވުނީ. ހެދޭ ގޯސްތަކުން އަބަދުވެސް ކަންކަން ދަސްވާނީ،" ރިޒާ "މިހާރު" އަށް ބުންޏެވެ.

އޭނާ އާއި އެހެން އެތުލީޓުންނަށް މިއަދު ފަޒީލުގެ ކިބައިން ހިތްވަރު ނެގިދާނެ އެވެ. މޮޅުވުމުގެ ހަނި ފުރުސަތެއް ވެސް އޮވެދާނެ ކަމަށް ބަލައި އޭނާ ފަހު ސިކުންތާ ހަމަޔަށް ވެސް ކުރި ހިތްވަރަކީ މި ނަތީޖާގެ ހަގީގީ ސިއްރެވެ. ރިޒާ ނިންމަން ދިޔަ ވަގުތު، ބަލިވީ ކަމަށް ބަލައި ފަޒީލުގެ ދުވެއްޔަށް ކުޑަ ލަސްވުމެއް އައި ނަމަ އޭނާ އަށް ވެސް ކާމިޔާބު ނުލިބުހީނެވެ. އަނެއްކޮޅުން މިއީ ފަޒީލުގެ ރަސްމީ އިވެންޓެއް ވެސް ނޫނެވެ.
"ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު އިތުބާރެއް އޮވޭ އަބަދުވެސް. އަނެއްކާ އަޅުގަނޑަކީ އަބަދުވެސް 200 ޕަސެންޓްދޭ މީހެއް. ފަހަތަށް ޖެހޭނެ މީހެއް ނޫން. އެހެންވެ އެ އިތުބާރާ އެކު ނުކުމެ އެ ހިތްވަރު ލަނީ،" ފަޒީލް ބުންޏެވެ.
ފަޒީލް ވަނީ އޭނާގެ ރަސްމީ ދެ އިވެންޓް ކަމަށްވާ 5000 މީޓަރު ދުވުމާއި 10000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އޭނާ ތިން ވަނަ އިވެންޓަކަށް ނެގި 1500 މީޓަރު ރޭހަކީ މީގެ އަހަރުތަކެއް ކުރިން ވާދަކުރި އިވެންޓެކެވެ. މިއަދުގެ ކާމިޔާބީއާ އެކު ގެޔަށް ގެންދިޔަ ތިން ރަން މެޑަލް ހޯދީ ވެސް، މިދިޔަ މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ލިބުނު އަނިޔާ އަށް ފަހު އެންމެ 10 ވަރަކަށް ދުވަހު މި މުބާރާތަށް ތައްޔާރުވެގެންނެވެ.
އެ ގޭމްސްގެ 10000 މީޓަރު ދުވުމުގެ ރޭހުގައި ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން 5000 މީޓަރު ދުވީ ޓޭޕްކޮށްގެންނެވެ. އެހެންވެ އެނބުރި އައިސް އެސޯސިއޭޝަނުގެ ހުއްދައާ އެކު ގައުމީ ޓީމުން ބްރޭކެއް ނަގައި ސެނަހިޔާ އިން ފަރުވާ ފެށި އެވެ. ފިޒިއޯ ޝާހުގެ ބެލުމުގެ ދަށުން ބޭސްކޮށް، އޭނާ ވީހާ ވެސް އަވަހަކަށް އެނބުރި އައީ މި މުބާރާތުގެ އިތުރުން ދިރާގު މޯލްޑިވްސް ރޯޑްރޭސް އޮތުމުންނެވެ.
"އަނިޔާއަކަށް ފަހު އެނބުރި އައިސް ރަނގަޅަށް ޓްރެއިނިން ހަދާލެވޭނެ މުއްދަތެއް ނުލިބޭ އަސްލު. އެންމެ ދިހަ ވަރަކަށް ދުވަސް ވީމާ އީޒީ ރަންތަކެއް ޖަހާލާފައި މުބާރާތާ ކުރިމަތިލީ،" ފަޒީލް ބުންޏެވެ.
އެކަމަކު ވެސް މުބާރާތުގައި އެންމެ ތަންފުކެއް ވެސް ދުލެއް ނުދެ އެވެ. އަރަމުން އަންނަ ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑް)އާ ވާދަކޮށް 5000 މީޓަރު ދުވުމާއި 10000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި މިއަދު ވެސް 1500 މީޓަރު ދުވުން އެހާމެ ހިތްވަރުން ކާމިޔާބުކުރީ އެވެ. މީގެ ތެރެއިން 10000 މީޓަރު ދުވުމުން ގައުމީ ރެކޯޑަކަށް ވެސް އަމާޒުކުރި ނަމަވެސް ހޫނުގެ ސަބަބުން އެކަން ކުރަން އުނދަގޫވީ އެވެ.
ފަޒީލް ތިން ރަން މެޑެއްޔާ އެކު އެންމެ މޮޅު އެތުލީޓުގެ މަގާމަށް ހަސަން ސާއިދުއާ ވާދަކުރި އެވެ. އެކަމަކު ފަޒީލެކޭ އެއްގޮތަށް އިންޑިވިޖުއަލް ތިން ރަން މެޑަލް ހޯދި ސާއިދަށް ކުރި ލިބުނީ އޭނާ 100 މީޓަރު ދުވުމާއި 400 މީޓަރު ދުވުމުން، މުބާރާތުގެ ރެކޯޑް ހަދާފައި ވުމުންނެވެ.