އެފްއޭއެމްގެ ޑިފެންސެއް ވެސް ނެތް، ފޯވަޑެއް ވެސް ނެތް!
އެފްއޭއެމްގެ ޑިފެންސެއް ވެސް ނެތް، ފޯވަޑެއް ވެސް ނެތް!

ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަންގެ އިންތިހާބު ނުބޭއްވި ގިނަ ދުވަސްތަކެއް ވުމަށް ފަހު އޮތް ކޮންގްރެސްގައި އާ އެގްޒެކެޓިވް ކޮމިޓީއެއް އެކުލަވާލިތާ އެންމެ ތިން މަސްދުވަހުގެ ތެރޭގައި އަނެއްކާ އެފުށް މިފުށަށް ޖެހި، ސީރިއަސް މައްސަލަތަކެއްގެ ތެރެއަށް ދިވެހި ފުޓްބޯޅަ އިއްޔެ ވެއްޓިއްޖެ އެވެ.

އެފްއޭއެމްގެ ޑިފެންސެއް ވެސް ނެތް، ފޯވަޑެއް ވެސް ނެތް!
އެފްއޭއެމްގެ ޑިފެންސެއް ވެސް ނެތް، ފޯވަޑެއް ވެސް ނެތް!

މިހާރު ދިވެހި ރައްޔިތުންނަށް މި އެނގުނީ އެފްއޭއެމްގައި ޑިފެންސެއް ވެސް އަދި ފޯވަޑެއް ވެސް ނެތް ކަމެވެ. ބޮއްސުން ލާފައި އޮތް އެސޯސިއޭޝަންގެ ހިންގުން ހަމަޔަކަށް އެޅޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

އެފްއޭއެމްގެ ޑިފެންސެއް ވެސް ނެތް، ފޯވަޑެއް ވެސް ނެތް!
އެފްއޭއެމްގެ ޑިފެންސެއް ވެސް ނެތް، ފޯވަޑެއް ވެސް ނެތް!

އާ ރައީސް އަހުމަދު ތޯރިގް (ޓޮމް) އާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ، އެކްސްކޯގެ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު އިއްޔެ އިސްތިއުފާ ދެއްވުމާ އެކު، އަލުން އިންތިހާބެއް ބޭއްވުން ނޫން އެހެން ގޮތެއް ނެތެވެ. ކުއްލިއަކަށް މި ބޮޑު ހުޅުގަނޑު އެފްއޭއެމްގައި ފަޅައިގެން މިދިޔައީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލުކުރަމުންނެވެ.

އެފްއޭއެމްގެ ތެރެއަށް އެކި ހަމަނުޖެހުން ވަދެގެން އުޅޭތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. ފުރަތަމަ އިންތިހާބީ ރައީސް އަލީ އާޒިމަށް އާ ދައުރެއް ނުދޭން އުފެއްދި ކޯލިޝަންގެ ކެންޑިޑޭޓުގެ ގޮތުން 2013 ގެ އިންތިހާބު ކާމިޔާބުކުރައްވާ އެފްއޭއެމާ ހަވާލުވި، ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އިލްހާމް އަހުމަދަށް ވެސް ޖެހިވަޑައިގަތީ ދެކޮޅުވެރިންނާ ކުރިމަތިލައްވާށެވެ. އެންމެ ފަހުން އޭނާ އެ މަގާމުން ދުރުކޮށް، ޑިސެމްބަރު 2014 އިން ފެށިގެން މިދިއަ ޖޫން މަހު އާ ކޮންގްރެސްއެއް ބޭއްވެންދެން ހިންގަމުން އައީ ފީފާ އިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ.

ފުރަތަމަ އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ދެން ފައި ނެންގެވީ އެފްއޭއެމްގެ ރައީސަކަށް ވެސް ވަޑައިގަންނަވާށެވެ. އެހެންކަމުން ތޯރިގާއި އޭނާގެ ޓީމާ ދެމެދު ބޮޑު ވާދަވެރިކަމެއް އުފެދުނެވެ. އެ ހޫނުގަނޑު މައިތިރިކޮށް، ދެ ބައި ސުލްހަވެގެން އާ އިންތިހާބަކަށް ދާން ނިންމީ ފީފާ އިން ރާއްޖެ ސަސްޕެންޑްކުރާނެ ކަމުގެ އިންޒާރު ދިނުމުންނެވެ.

އެފްއޭއެމްގެ ތެރެއިން އަލުން ހުޅު ފަޅައިގެން ދިޔަ މައިގަނޑު ސަބަބަކީ، ތޯރިގާއި ޝަވީދުގެ ޓީމުގެ މެދުގައި އޮތް ހިޔާލު ތަފާތުވުން ކަމަށް، އެތެރޭގެ މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނެ އެވެ.

އެކްސްކޯގައި ތިބީ ތޯރިގުގެ ފަރާތުން އެކްސްކޯ އަށް އައި ނައިބް ރައީސް މުހައްމަދު ކަލީމާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އަހުމަދު ޒަރީރާއި ނިއު ރޭޑިއަންޓުގެ ބޯޑް މެމްބަރު އައިޝަތު ނާޒިމާ އާއި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީ އެވެ. ނައިބް ރައީސް އަލީ އުމަރާއި އަހުމަދު ޝަކީބް (ޑޮކް) އަކީ ޝަވީދުގެ ދަށުން ނޯމަލައިޒޭޝަން ކޮމިޓީގައި މަސައްކަތްކުރެއްވި ދެ ބޭފުޅުންނެވެ. ދެން ހުރީ ޓީސީ ސްޕޯޓްސްގެ ފަރާތުން އަހުމަދު އީސާ އެވެ.

ޖެނެރަަލް ސެކްރެޓަރީއަކަށް ހަމަޖެއްސީ ޝަވީދުގެ ދަށުން ވެސް އެ މަގާމުގައި ހުންނެވި ބައްސާމް އަލީ ޖަލީލެވެ. އެންމެ ފަހުން އެފްއޭއެމް ރޫޅިގެން ދިއުމުގެ އެއް ސަބަބަކަށް ވެސް ވީ ބައްސާމާއި ތޯރިގާ ދެމެދު އޮތް ދޯހަޅި ގުޅުމެވެ.

އިސްތިއުފާ ދެއްވި ފަސް މެމްބަރުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ، އެކްސްކޯގެ ބައެއް މެމްބަރުންނަށް ނޭނގި ތޯރިގު ކަންކަން ނިންމެވުމާއި ބައްސާމް ބާކީކޮށް، އޮފީސް ހިންގުން އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު މުހައްމަދު ޝިޔާޒް (މޯހަން) އާ ހަވާލުކުރެއްވުމެވެ. ދުވަހުން ދުވަހަށް އެސޯސިއޭޝަން ހިންގެވުމުގެ ހުރިހާ ޒިންމާއެއް އެޅިފައި އޮންނަނީ ޖެެނެރަލް ސެކްރެޓަރީގެ ބޮލުގަ އެވެ. އެކަމަކު އެފްއޭއެމްގެ މުއައްޒަފުންގެ ބައްދަލުވުންތައް ވެސް ބާއްވަނީ މޯހަން ކަމަށް، ބައެއް ފަރާތްތަކުން ބުނެ އެވެ. އެ ބައްދަލުވުންތަކަށް ބައްސާމަށް ވެސް އަންނަނީ ދައުވަތެއް ކަމަށްވެ އެވެ.

ބައެއް މީހުން ބުނި ގޮތުގައި މޯހަންއާ ހިންގުން ހަވާލުކުރީ ބައްސާމަށް ނުވެގެން ނުވަތަ ގަސްދުގައި ނުކުރެއްވުމުންނެވެ. އެގޮތުން ވިލިމާލޭގައި ޓާފް ދަނޑު އަޅަން ހަމަޖައްސަން ޖެހޭ ކަންކަން ކުޅިވަރާ ބެހޭ މިނިސްޓްރީގެ ތެރެއިން ބައްސާމަށް ނުވުމުން، އެކަން ކުރެއްވީ އުމްރާގައި އެ ވަގުތު ހުންނެވި ތޯރިގު ކަމަށް އޭނާ ބުންޏެވެ.

އެކަމަކު އިސްތިއުފާ ދެއްވި މެމްބަރުން ތިއްބެވީ ބައްސާމްގެ ދިފާއުގަ އެވެ. އެގޮތުން ނައިބު ރައީސް އަލީ އުމަރު ވިދާޅުވީ ބައްސާމަކީ، އޭނާ ދުށް އެންމެ ގާބިލް އެކަކު ކަމަށާއި ތޯރިގް "ބައްސާމް ބާކީކޮށްލީ" ކަމަށެވެ.

މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި އެފްއޭއެމުން ކުރި ބޮޑު އެއް މަސައްކަތަކީ ގައުމީ ޓީމު ކުޅުނު ތިން މެޗު ރޭވުމެވެ. އޭގެ ތެރެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅުނު ހާއްސަ މެޗަށް ސްޕެއިނުގެ ޒަވީ ހެނާންޑޭޒް އާއި އާޖެންޓީނާގެ ރޮބާޓޯ އަޔާލާ ގެނައުމުގެ ހުރިހާ ކޮމިއުނިކޭޝަނެއް ކުރެއްވީ ވެސް ބައްސާމް ކަމަށްވެ އެވެ. އެކަމުގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުންތަކުން ވެސް އޭނާ ފެނުނެވެ.

އިސްތިއުފާ ދެއްވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ގައުމީ ޓީމަށް ކޯޗު ހަމަޖެއްސުން ފަދަ ކަންކަމުގައި ވެސް މަޝްވަރާކޮށްފައެއް ނުވެ އެވެ. އަދި ހާއްސަކޮށް ފައިސާގެ ބޮޑެތި އަދަދުތައް ހިމެނޭ ނިންމުންތައް ނިންމިއިރު، އެކްސްކޯގެ ބަހެއް ނުހޯދާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ. ބަންގްލަދޭޝްއާ އެކު ގައުމީ ޓީމު ކުޅުނު އެކުވެރިކަމުގެ މެޗު ރޭވީ ވެސް އެކްސްކޯ އަށް އެންގުމެއް ނެތި ކަމަށާއި އެ މެޗުތަކަށް ހަރަދުތައް ކުރިއިރު އޭގެ ތަފްސީލު ވެސް ދީފައިނުވާ ކަމަށްވެ އެވެ.

އެކަމަކު އިސްތިއުފާ ނުދެއްވާ ހުންނެވި މެމްބަރަކު ވިދާޅުވީ ބޮޑެތި ކަންކަން ނިންމިއިރު އެކްސްކޯގެ ބަސް ހޯދި ކަމަށެވެ. އެގޮތުން ކުރީގެ ކޯޗު ރިކީ ހާބަޓް ވަކިކޮށް ދިވެހި ކޯޗެއް ހަމަޖަައްސަން އެކްސްކޯގައި މަޝްވަރާކުރި ކަމަށާއި ސިފައިންނާއި ފުލުހުންނަށް ފުރުސަތު ދޭން ނިންމީ ވެސް އެކްސްކޯގައި މަޝްވަރާކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އެފްއޭއެމް ހިންގުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ހުރިހާ ކަމެއް އެކްސްކޯ އަށް އަންގަން ނުޖެހޭ ކަމަށެވެ.

"ކްލަބަކަށް ދޭން ޖެހޭ ސިޓީއެއް ހޯދަން އެކްސްކޯގައި ރައީސް ނުޖެހޭ ހުއްދަ ހޯދާކަށް،" އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ތޯރިގް ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރި އެއް ކްލަބަކީ ނިއު ރޭޑިއަންޓެވެ. ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމް ހިންގިއިރު ނިއުއާ ދެކޮޅަށް ބައެއް ކަންކަން ކުރި ކަމަށް އެ ކްލަބުން ބުނެ އެވެ. އެގޮތުން ލީގުގެ ޗެމްޕިއަން ޓީމަށް އެއް މިލިއަން ރުފިޔާ ދޭނެ ކަމަށް އިއުލާންކުރި ނަމަވެސް އެ އަދަދު 250،000ރ އަށް ކުޑަކުރީ ނިއު ޗެމްޕިއަންކަން ހޯދުމުން ކަމަށް އެ ކްލަބުން ތުހުމަތުކުރެ އެވެ. އަދި ނިއުގެ އަސްހަދު އަލީ (އަޑުބަރޭ) އަށް މުސާރަ ނުދޭ ކަމަށް ބުނެ އޭނާ ހުށަހެޅި ސިޓީއަކަށް ބަލައިގެން ނިއުގެ ފައިސާ ހިފެހެއްޓުމުން އާ ސީޒަނަށް ކުޅުންތެރިން ގެންނަން ހުރަސް އެޅުނު ކަމަށް ވެސް ނިއު އިން ބުނެ އެވެ.

ނިއުގެ މި ހުރިހާ ޝަކުވާތަކެއް ހުއްޓައި، ތޯރިގް ހަވާލުވުމުން އޭނާގެ ކުރީގެ ކްލަބަށް ފައިދާވާނެ ކަމަށް ވާހަކަދެކެވުނެވެ. އަދި އިސްތިއުފާ ދެއްވި މެމްބަރުން ނުސީދާކޮށް ތޯރިގަށް އިޝާރަތްކުރައްވައި ވިދާޅުވެފައި ވަނީ ވަކި ކްލަބްތަކަށް ތަފާތުކުރުން ގެންގުޅުއްވާ ކަމަށެވެ. އެކްސްކޯގައި ތަމްސީލްކުރާ ޓީސީ ސްޕޯޓްސް ކްލަބުން ވެސް ވަނީ، ތޯރިގް ވަކި ކްލަބަކަށް ވަކި ގޮތްތަކެއް ހައްދަވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެކަމަކު އެކްސްކޯގައި ތޯރިގަށް ތާއީދުކުރައްވާ ބައެއް މެމްބަރުން އެކަން ދޮގުކުރައްވަ އެވެ. އެއް މެމްބަރަކު މިސާލު ނެންގެވީ ކްލަބްތަކަށް ދިން ފައިސާ އިންނެވެ. އެގޮތުން އޭނާ ވިދާޅުވީ ތޯރިގް ހަވާލުވި ފަހުން ކްލަބްތަކަށް ފައިސާ ދިން ދެ ފަހަރު ވެސް ހުރިހާ ކްލަބަކަށް އެ ފައިސާ ދިނީ އެއްވަރަށް، އަދި އެއް ދުވަހަކު ކަމަށެވެ.

ތޯރިގާ ދެކޮޅު ހިޔާލުތަކުގެ މީހުން ދެން އެންމެ ބޮޑު ތުހުމަތަކެއްކުރީ ނިއު އަށް ގެނައި އެ ޓީމުގެ ކުރީގެ ކޯޗު ސާބިއާގެ ނިކޮލާ ކަވަޒޮވިޗްގެ ސަސްޕެންޝަން އުވާލަން ތޯރިގުގެ ނުފޫޒް ބޭނުންކުރެއްވި ކަމަށް ބުނެ އެވެ. އެކަމަކު އެކްސްކޯގެ މެމްބަރު ވިދާޅުވީ ތޯރިގް އެންގެވީ ނިއުގެ ޝަކުވާތައް ބަލައިގަތުމަށް ކަމަށާއި ސަސްޕެންޝަން އުވާލަން އެއްވެސް އިރަކު އަންގަވާފައިނުވާ ކަމަށެވެ.

މިދިޔަ އަހަރު ނިއު އަށް ކޯޗުކޮށްދިން އިރު އެފްއޭއެމާއި ރެފްރީންނަށް ފާޑުކީ މައްސަލައިގައި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ކަވަޒޮވިޗް ސަސްޕެންޑްކުރީ އެކަން ހިނގިތާ ހައެއްކަ މަސް ފަހުން މި އަހަރުގެ އޭޕްރިލް މަހު އެވެ. އަދި އެއް އަހަރަށް އޭނާ ސަސްޕެންޑްކުރިކަން ނިއު އަށް އަންގާފައެއް ވެސް ނުވެ އެވެ. ޖެނެރަލް ސެކްރެޓަރީ ބައްސާމް ވިދާޅުވެފައިވަނީ، އެކަން ނިއު އަށް ނޭންގީ، ސަސްޕެންޑްކުރިކަން އަންގަން ޖެހޭނީ ހަމައެކަނި ކޯޗަށް ކަމަށް ޑިސިޕްލިނަރީ ކޮމިޓީން ލަފާދީފައިވާތީ ކަމަށެވެ.

ފަހުން ނިއު އިން އޭނާ ގެންނަން ނިންމައި، އޭނާ ސަސްޕެންޑްކޮށްފައިވޭތޯ ސާފުކުރަން އެފްއޭއެމަށް ސިޓީ ލި އެވެ. އެކަމަކު އެ ސިޓީ ނުލިބޭ ކަމަށް ބުނެ އެއަށް އެފްއޭއެމުން ޖަވާބު ނުދިނުމުން ނިއު އިން އެކަން އެންމެ ފަހުން ތޯރިގާ ހަމަޔަށް ގެންދިޔައީ އެވެ. އެ ހިސާބުން ތޯރިގް އެކްސްކޯގެ ވައިބާ ގްރޫޕުގައި ވިދާޅުވެފައި ވަނީ އެކަމާ ގުޅޭ ގޮތުން އޭނާ ތިން ކަމެއް ނިންމަވާފައިވާ ކަމަށެވެ. ފުރަތަމަ ކަމަކީ، ކަވަޒޮވިޗް ސަސްޕެންޑްކޮށްފައިވާކަން ނިއު އަށް އަންގަން ބައްސާމަށް ދެންނެވުމެވެ. ދެ ވަނަ ކަމަކީ، ކަވަޒޮވިޗް ސަސްޕެންޑްކުރިކަން ހަމައެކަނި ކޯޗަށް އެންގުމަކީ ރަނގަޅު ގޮތް ނޫން ކަމަށާއި އެކަން ކްލަބަށް ވެސް އަންގަން ޖެހޭނެ ކަމެވެ. ތިން ވަނަ ކަމަކީ، އެ މައްސަލަ އެކްސްކޯގައި އެޖެންޑްކުރައްވާނެ ވާހަކަ އެވެ.

"ނިއު ރޭޑިއަންޓުގެ ކޯޗުގެ ސަސްޕެންޑް އުވާލާކަށް ތޯރިގް އެއްވެސް ވަރަކަށް ބުނެފައެއް ނެތް،" އެކްސްކޯގެ މެމްބަރު ވިދާޅުވި އެވެ.

އެހެން މެމްބަރަކު ވިދާޅުވީ، ތޯރިގަކީ އެކްސްކޯގެ ބަހެއް ނެތި އަމިއްލަ އަށް ގޮތް ނިންމާ އަދި ނިއު އަށް ވަކި ގޮތެއް ހަދާ މީހެއް ނަމަ އޭނާ ކަވަޒޮވިޗްގެ ސަސްޕެންޝަން އުވާލީސް ކަމަށެވެ.

އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ތޯރިގުގެ އަމަލުތައް ހުރީ ފުޓްބޯޅައަށް ގެއްލުން ވާނެ ގޮތަކަށް ނޫން ކަމަށެވެ. އެކްސްކޯ އިން ފަސް މެމްބަރުން އިސްތިއުފާ ދެއްވީ ކުރިން މެމްބަރުން ބޭނުންކުރެއްވި ބާރުތައް ނެތުމުން ކަމަށް ވެދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުޓްބޯޅައަށް ސީދާ ގޮތުން ގެއްލުން ވެދާނެ އެއްވެސް އަމަލެއް ކުރި ތަނެއް ނުފެނޭ. ބޮޑަށް ބެލެވެނީ މިއީ ބާރުތައް ލިބުމާއި ނުލިބުމާ ގުޅޭ މައްސަލައެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.

އިސްތިއުފާ ދެއްވި ނައިބް ރައީސް އަލީ އުމަރު ވިދާޅުވެފައި ވަނީ އެގޮތަށް ނިންމެވީ ކަންކަން ބޮއްސުންލައިގެން ދިއުމުން ކަމަށާއި ރަނގަޅުވާނެ ކަމުގެ އެއްވެސް އަލި މަގެއް ވެސް ފެންނަން ނެތުމުން ކަމަށެވެ.

"މިއީ ފުޓްބޯޅައަށް ދެރައެއް ދޭން ކުރި ކަމެއް ނޫން. ހެޔޮ ނިޔަތް އަޅުގަނޑުމެންގެ އޮތީ. އަޅުގަނޑުމެންގެ އިސްތިއުފާ އަކީ ފުޓްބޯޅަ ކުރިއެރުވުމަށް ލިބުނު ނަސްރެއް،" އަލީ އުމަރު ވިދާޅުވި އެވެ.

މިއިން އެއްވެސް ކަމަކާ މެދު ތޯރިގު އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭނާ ހުންނެވީ ހިމޭނުންނެވެ. އެތައް މަސައްކަތަކަށް ފަހު ހޯއްދެވި އެފްއޭއެމްގެ ރައީސްގެ މަގާމު ގެއްލޭ ނިންމުމެއް ފަސް މެމްބަރަކު ނިންމެވުމުން، އެކަހެރިވެވަޑައިގެންނެވި ގޮތަށް އޭނާގެ އަޑެއް އަދި ނީވެ އެވެ.