07 ސެޕްޓެމްބަރ 2019 - 11:53

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓް އޮފީސް ސިޓީ ސްކޮޔާ އަށް ބަދަލުކޮށް ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

މި އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ އެ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާގެ އިތުރުން އެ ކުންފުންޏަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި މުވައްޒަފުންނެވެ. މީގެ ތެރޭގައި 35 އަހަރަށްވުރެ ގިނަ ދުވަހު އެ ކުންފުނީގައި މަސައްކަތް ކުރި ބައެއް މުވައްޒަފުން ވެސް ހިމެނެ އެވެ.

ޓިކެޓް އޮފީހުގެ އިތުރުން މޯލްޑިވިއަންގެ ކޯލް ސެންޓާ ވެސް ވަނީ މި ބިލްޑިން އަށް ބަދަލުކޮށްފަ އެވެ. ޓިކެޓް އޮފީހާއި ކޯލް ސެންޓާ ސިޓީ ސްކޮޔާ އަށް ބަދަލުކޮށް ހިދުމަތް ދޭން ފަށަފައި ވަނީ މިދިޔަ އޮގަސްޓް މަހު އެވެ.
އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މި ޓިކެޓް އޮފީހަކީ އެ ކުންފުނީގެ މުވައްޒަފުންނަށް މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ހޯދައި ދިނުމަށް ހުޅުވި އޮފީހެއް ކަމަށެވެ. މޯލްޑިވިއަންގެ ކުރީގެ އޮފީހުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވާ ރިޒްވީ ވިދާޅުވީ އާ އޮފީހުގެ ސަބަބުން ކަސްޓަމަރުންނަށް ދެމުން އައި ހިދުމަތްތައް ވެސް އަވަސް ވެގެންދާނެ ކަމަށެވެ.
"މި އޮފީހަކީ އަޅުގަނޑުމެންގެ ހުރިހާ މުވައްޒަފުން ވެސް ކުރި އިނތިޒާރެއްގެ ނިމުން. މި އޮފީހުގެ ސަބަބުން އަޅުގަނޑުމެންގެ ހިދުމަތްތައް ފުޅާވެގެންދާނެ. އެގޮތުން އަޅުގަނޑުމެންގެ ކޯލް ސެންޓާ ވަރަށް ބޮޑަށް އެކްސްޕޭންޑް ވެ އިތުރި ސްޓާފުން އޭގައި ބައިވެރިވެ ހިދުމަތް ރަނގަޅުވާނެ،" ރިޒްވީ ވިދާޅުވި އެވެ.
މީގެ އިތުރުން މޯލްޑިވިއަނުން ދަތުރު ކުރަމުން އަންނަ މަންޒިލްތައް އިތުރުކޮށް އިތުރު ބޯޓުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ. މޯލްޑިވިއަންގެ މޯބައިލް އެޕްލިކޭޝަނެއް ވެސް މި އަހަރު ތެރޭގައި ލޯންޗު ކުރެވޭނެ ކަމަށް ރިޒްވީ ވިދާޅުވި އެވެ.
އާދިއްތަ- ބުރާސްފަތި: ހެނދުނު 8:30 އިން ހަވީރު 4:30 އަށް.
ހޮނިހިރު: ހެނދުނު 9:00 އިން މެންދުރު 3:00 އަށް.
ހޮނިހިރު- ބުރާސްފަތި: ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް.
ހުކުރު: މެންދުރު ފަހު 2:00 އިން ރޭގަނޑު 10:00 އަށް.