07 ސެޕްޓެމްބަރ 2019 - 10:50

ގުދުރަތީ ގޮތުން ރާއްޖޭގެ ބޮޑުބައެއް ހިއްސާކުރަނީ ކަނޑެވެ. ރީތި މޫދުތަކާއި ފަރުތަކާއި ރަށްތަކުން ރާއްޖޭގެ ރީތިކަން މުޅި ދުނިޔެ އަށް މަގުބޫލެވެ. ރާއްޖޭގައި މިކަން އިޝްތިހާރުކޮށްގެން ފައިދާތަކެއް ހޯދާއިރު، ކަނޑުތަކުގެ ރީތި ރާޅުތަކުގެ ތެރެއިން ދުނިޔޭގެ ހިތްހަމަޖެހުން ހޯދާ ޒުވާނުން ވެސް އަންނަނީ ގިނަވަމުންނެވެ. އޭގެ ތެރޭގައި ރާއްޖޭން އެންމެ ފާހަގަކޮށްލެވޭނެ އެންމެ އެއް ނަމަކީ ހުސެއިން އަރީފް (އިބޫ) އެވެ. ފަންސަވީހަކަށް އަހަރު ސާފިން ތެރޭގައި އުޅުނު އިބޫ އަދިވެސް އެ ހުރީ އެއް އަޒުމެއްގައި ގައުމު ފަހުރުވެރިކޮށްދީ ސާފިންގެ މުސްތަގުބަލަށް މަސައްކަތްކުރަން އަތުކުރި އޮޅާލައިގެންނެވެ.

"އެންމެ ފުރަތަމަ ރާޅާ އަޅަން ފެށުނު ހަނދާނެއް ވަނީ އުމުރުން ހަތް އަހަރު ނޫނީ އަށް އަހަރުގައި އެ ރަށުގައި. ރ ރަސްމާދޫގައި. އެއީ ގޭގެ ބޮޑު އަށިން މަޅު ނަގައިގެން. މަޅުގަނޑުގައި ރާޅާ އަޅާ ހަނދާން ވަނީ. މީގެ ތެރެއަށް އަސްލު ވަދެވުނީ އަހަރެންގެ ރައްޓެއްސެއް ކަމަށްވާ އަލްމަރުހޫމް ހުސެއިން ސުޖާއުގެ ފަރާތުން. ކުޑައިރުއްސުރެން އެއްކޮށް އުޅެބޮޑުވި ރަށްޓެއްސެއްގެ ފަރާތުން. އޭނަގެ ހެލްޕާ އެކު. ދެން ކުޑަފަރީގެ އަޒްލީންގެ ވެސް އެހީއާ އެކު ފެށުނީ. އެ މީހުންގެ އަތުން ބޯޑެއް ބޮރޯކޮށްގެން،" ރާޅާ އަޅަން ފެށުނު ގޮތް އިބޫ "މިހާރަ"ށް ކިޔައިދިނެވެ.
ކުޑައިރު ވެސް މޫދަށް އެރުމުގެ ހާއްސަ ޝައުގުވެރިކަމެއް ހިތުގައި އޮތް އިބޫ އަށް އެކަމުގެ ތެރެއަށް ވަދެވުނީ ވެސް އާއިލާ މީހުންގެ ޝައުގުވެރިކަން ވެސް އެކަމަށް ހުރުމުންނެވެ. އެކަމަކު އިބޫ އަށް ފުރުސަތު ލިބުނީ ކެތްތެރިކަމާ ބުރަ މަސައްކަތުންނެވެ.
އިބޫ ބުނީ ފުރަތަމަ ރާޅުގަނޑަށް ދާން ފެށިއިރު މިހާރާ އަޅާކިޔާއިރު ފެންނަނީ މަދު ބަޔަކު ކަމަށާއި ގާތްގަނޑަކަށް އެންމެ ގިނައިން އެރޭ ފަހަރެއްގައި ވެސް 10 ވަރަކަށް މީހުން ކަމަށެވެ. އަދި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާޅާ އަޅަން ބޭނުންވާ ސާމާނު ނުލިބުން ކަމަށާއި އޭރު އޮންނަ ގޮތަކީ އެކަކު އަނެކަކަށް ބަހާލައިގެން އެއްޗެހި ބޭނުންކުރުން ކަމަށް ބުންޏެވެ.
"އަހަރެން ދެކިފައި ވެސް އެބަހުރި ރޯނު ގަނޑެއް ނޫނީ ވާގަނޑެއްގެ ކޮޅުގައި ސްޓާކީނެއް އައްސައިގެން އަނެއްކޮޅު ބޯޑުގައި އައްސައިގެން ލެގް ރޯޕް ހަދައިގެން ވެސް މީހުން އުޅުނު ހަނދާން. އޭރު ނުލިބޭ އެއްޗެއް. ދެން ވެކްސް އެއް ވެސް ނެތް. އާދައިގެ އުއްބައްތިން ބޯޑު މައްޗަށް ތިކި ޖަހައިގެން އެ ގޮތަށް ސާފް ބޯޑް ވެކްސްއެއް ހެދީ،" އިބޫ ބުންޏެވެ.
"ވަރަށް އުފާވެރި މާހައުލެއް. އެކަމަކު އަތުގައި އޮންނަ އެއްޗެއް އަނެކަކަށް ވެސް ދީގެން ވަރަށް އެކުވެރިކޮށް އުޅެނީ."
ރާޅުގަނޑު ސަރަހައްދުގައި އޮންނަ ރާޅާއަޅާ ކުދިންގެ މެދުގައި މި ކުޅިވަރު އިތުރަށް ކުރިއެރުވުމުގެ ޝައުގު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޮތެވެ. އެ ގޮތުން 1996 ވަނަ އަހަރު އެ ކުދިންގެ ތެރޭގައި ފުރަތަމަ ދެކެވުނީ ކްލަބެއް ހަދާ ވާހަކަ އެވެ. އިބޫ ބުނީ އޭރު އެސޯސިއޭޝަނެއް ރަޖިސްޓްރީ ކުރެވޭހާ ސާފިން ބޮޑެއް ނޫން ކަމަށާއި ގާނޫނު ވެސް ތަން ނުދޭތީ ބޭނުންވީ ކްލަބެއް ހެދުމަށް ކަމަށެވެ.
"އޭރުގެ ތަރި ވިލެޖް މިހާރުގެ ދޮންވެލި އެއީ. އެ މުބާރާތް އޮންނަ ވާހަކަ ބުނީމަ ވަރަށް ޕްރެކްޓިސް ވެސް ކުރިން. ވަރަށް އޭގަ އަޅާހިތްވެސްވި. އޭރު ހުރިހާ ކުދިންނަށް ވެސް ފުރުސަތު ލިބުނު. އެ މުބާރާތަށް ކިޔަނީ އިނޯގްރަލް ތަރި ވިލެޖް ޕާސް ދަ ޕޮއިންޓް ކްލާސިކް. އެއީ އެޓޯލް އެޑްވެންޗާސް އާއި އެޓޯލް ޓްރެވަލް އަދި ތަރި ވިލެޖް މެނޭޖްމަންޓް އެ މީހުންގެ ވެގެން އޮގަނައިޒް ކުރި މުބާރާތެއް އެ މުބާރާތުގައި އެއް ވަނަ ލިބުނު. އެއީ ރާއްޖޭގައި އެންމެ ފުރަތަމަ އަލަށް ވެސް ބޭއްވުނު ސާފިން މުބާރާތަކީ،" އިބޫ ބުންޏެވެ.
ރަނގަޅަށް ރާޅާ އަޅަން ފެށިތާ ދެ އަހަރު ތެރޭ ފުރަތަމަ މުބާރާތުގެ ވެސް ޗެމްޕިއަންކަން ލިބުމުން އިބޫ އަށް ލިބުނީ ބޮޑު ހިތްވަރެކެވެ. އޭނާ އަށް ވުރެ 10 އަހަރު ކުރިން ރާޅާ އަޅަން ފެށި މީހުންނާ ވާދަކޮށް މި ލިބުނު ކާމިޔާބާ އެކު އިބޫ ބޭނުންވީ އިތުރަށް ކުރިއަށްދާށެވެ.
އެ މުބާރާތުން ހޯދި ކާމިޔާބީއާ އެކު ތަރި ވިލެޖަށްދާން ލިބުނު ދައުވަތުގައި އޭނާ އެތަނަށް ދިއުމުން އެ ތަނުގައި މަސައްކަތްކުރުމަށް ފުރުސަތު ދިން ނަމަވެސް އިބޫ އަށް އެކަން ކުރެވެން ނެތީ ސްކޫލުގައި އުޅޭތީ އެވެ. އެކަމަކު އިބޫ އޭރު ދިން ޔަގީންކަމަކީ އަލުން އެ ފުރުސަތު ލިބިއްޖެނަމަ ބޭނުންހިފާނެ ކަމެވެ. ދެ އަހަރު ފަހުން އެ ފުރުސަތު އަލުން ލިބުމާ އެކު ފުރުސަތުގެ ބޭނުން އިބޫ ހިފި އެވެ. އިބޫ ބުނީ އެއީ ސާފިން ކެރިއަރު ފެށިގެންދިޔަ ހިސާބު ކަމަށެވެ.
ތަރި ވިލެޖުގައި މަސައްކަތްކުރަން ލިބުނު ފުރުސަތާ އެކު އިބޫ އަށް ސާފިން އިން ކުރިއަށްދާން ހުޅުވިގެންދިޔައީ އެތަށް ދޮރެކެވެ. އެގޮތުން އެ ތަނުގައި ހުރިއިރު ސާފިން އިތުރަށް ތަރައްގީކުރުމުުގެ އިތުރުން ސާފިން އިން އާމްދަނީއެއް ހޯދޭނެ ގޮތްތައް ބަލައި އެ އަޒުމުގައި މަސައްކަތް ފެށި އެވެ. ހަމައެކަނި މަޖަލަށް ކުރާ ކަމެއްގެ ގޮތް ދޫކޮށްލައި ވަޒީފާއެއްގެ ގޮތުގައި ސާފިންއާ މެެދު ސީރިއަސްވި އެވެ. އެއާ އެކު ދެން އައީ ހީވެސް ނުކުރާހާ ރަނގަޅު ފުރުސަތުތަކެކެވެ.
"އެތާ އުޅެމުން ވަރަށް ފުރުސަތު ލިބި ސްޕޮންސަޝިޕްތަކެއް ވެސް ލިބުނު. ބިލަބޮންގް ސްޕޯންސަރުކަން ލިބުނު ތިން އަހަރަށް. ކުއިކްސިލްވާ ސްޕޮންސަޝިޕް ލިބުނު ހަ އަހަރަށް. ސާފް ބޯޑް ސްޕޮންސަސިޕް ލިބުނު އޭކޭއޭ ސާފާސް އެއީ އެމެރިކާ ބްރޭންޑެއް. ދެން ޑާލްބާގް ސާފް ބޯޑް މިހާރު ވެސް މިހުރީ އޭގެ ސްޕޮންސާގެ ދަށުގައި،" އިބޫ ބުންޏެވެ.
"ވަރަށް ބައިވަރު ޕްރޯ ސާފަރުން ވެސް އައިސް ތަރި ވިލެޖްގައި ތިބޭ. ދެން އެ މީހުން ކައިރިން ވެސް އެއްޗެހި ދަސްވުމާއި. އެތާ އުޅެމުން ސަފާރީ ދަތުރުތައް ވެސް ކުރަން ލިބުމުން މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ވެސް ގޮސް. އެކި ރާޅު ޕޮއިންޓްތައް ދަސްވި."
އިބޫގެ ކާމިޔާބީތަކުން ލިބިފައިވާ ތަށި ހަރުގަނޑު ވަރަށް ފުރިހަމަ އެވެ. އެކަން އޭނާ ކުރީ ވަރަށް ކެރިގެން ދިމާވި ކަންތައްތަކާ ކުރިމަތިލައި ލިބޭ ފުރުސަތުތަކަށް ނޫނެކޭ ނުބުނެ ކުރިއަށް ގޮސްގެންނެވެ. އެގޮތުން އޭނާ ވަނީ ދުނިޔޭގެ މަޝްހޫރު ގިނަ މުބާރާތްތަކެއްގައި ރާޅާ އަޅައިފަ އެވެ. އަދި ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދި އެވެ.
"ފާހަގަކޮށްލަން ތައިލެންޑާއި ލަންކާ އިން ލިބުނު އެއް ވަނަ. ދެން ސައުތު އެފްރިކާގައި ވޯލްޑް ސާފިން ގޭމްސްގައި ވަރަށް ފާހަގަކޮށްލަން. ފޯ ސީޒަން ޗެމްޕިއަންސް ޓްރޮފީ މުބާރާތާއި މޯލްޑިވްސް އޯޕަން މުބާރާތް،" އިބޫ އޭނާގެ ހާއްސަ ކާމިޔާބީތައް ކިޔައިދިނެވެ.
ކާމިޔާބީ ހޯދުމަށް އަޒުމު ކަނޑައަޅައިގެން ކުރިއަށްދާއިރު ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ އެވެ. އިބޫ އަށް ވެސް އެ ފަދަ ކަންތައްތައް އޮތެވެ. އެ ގޮތުން އިބޫ އެންމެ މަތީ ލެވެލަށް ދާން ކުރި ދަތުރުގައި އޭނާ އަށް ޕްރޮފެޝަނަލް ކޯޗެއްގެ އެހީތެރިކަން ނުލިބެ އެވެ. ސާފިންއާ ގުޅޭ އެއްޗެއް ދަސްކުރީ އެކުގައި އުޅޭ ހެޔޮ އެދޭ މީހުންގެ ފަރާތުންނާއި އަމިއްލަ މަސައްކަތުންނެވެ.
"އަމިއްލަ އަށް ދަސްކުރި އެއްޗެއްގެ އަލީގައި މި ހިސާބަށް މިހުރީ އާދެވިފައި. ރާޅު ފިލްމް ބަލައިގެން ނޫނީ މެގަޒިން ސީކުންސް ނޫނީ ހުންނަ ފޮޓޯ ސީކުއެންސް ބަލައިގެން. އެ ކަހަލަ ގޮތްގޮތުން ދަސްކުރީ. މިހާރު އެ ފުރުސަތު އެބައޮތް. މިހާރު ތިބި ލެވެލުން މައްޗަށް ދާން އެ ކުދިން މަސައްކަތްކުރަންވީ،" އިބޫ ބުންޏެވެ.
އިބޫ ބުނީ ރާއްޖޭގެ ސާފިން މިހާރު ވަރަށް ތަފާތު ކަމަށާއި ކުރިން މުނިފޫހި ފިލުވަން ކުރި ކަންތައްތަކެއްގެ ގޮތުގައި އޮވެފައި މިހާރު އެސޯސިއޭޝަނެއް ވެސް އުފެދުމުން މީގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
"މިހާރު ސާފިން އެސޯސިއޭޝަނެއް ރަޖިސްޓްރީ ކުރަން ދިޔައީމަ ފުރަތަމަ މިއީ ކުޅިވަރެއްގެ ގޮތުގައި ވެސް ބަލައިނުގަތް. އެކަަމަކު އެ ޒަމާން ގޮސްފި. މިހާރު ވަރަށް މީހުން ހޭލުންތެރި މި ކުޅިވަރަށް. މިއީ ބޮޑު ސިނާއަތަކާ ވެސް ގުޅިފައި އޮތް ކުޅިވަރެއް. ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް ފައިދާތަކެއް ވޭ. މިއީ ހަމައެކަނި ކުޅިވަރު ކަންނޭނގެ އެ ކަމަކަށް ބޭރުން ބުކިން ހަދައިގެން އައިސް މީހުން ބައިވެރިވެ އުޅޭ،" އިބޫ ބުންޏެވެ.
އިބޫގެ މިހާރުގެ އަމާޒަކީ އަންނަ އަހަރު ޖަޕާނުގައި އޮތް 2020 ގެ އޮލިމްޕިކްސް އަށް ކޮލިފައިވުމެވެ. އެ އަށް ކޮލިފައިވާން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ދިން ސްކޮލަޝިޕެއްގައި އިބޫ އަންނަނީ ޓްރެއިނިންތައް ފުރިހަމަ ކުރަމުންނެވެ. އަމިއްލަ މަސައްކަތުން އިބޫ ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ ސާފަރުންނާ ޗެލެންޖްކޮށް މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރާ ފޯ ސީޒަން ސާފިން މުބާރާތުގައި ވާދަކުރި ބައެއް ރާޅާއެޅުންތެރިން ވެސް ވަނީ އިބޫ އަށް ތައުރީފްކޮށްފަ އެވެ. ޔަގީނުން ވެސް ބޭރުގެ ބްރޭންޑްތަކުގެ ސްޕޮންސަ އޭނާ އަށް ލިބިގެންދިޔައީ ގިނަ ބަޔަކަށް އޭނާގެ ހުނަރު ފާހަގަކުރެވޭތީ އެވެ.
މިއަދު ޖަޕާނުގައި ފަށާ ވޯލްޑް ސާފިން ގޭމްސްގައި ރާއްޖެ ޓީމުން މި ފަހަރު ވާދަކުރެ އެވެ. ރާއްޖޭން މި މުބާރާތުގައި 17 އަހަރަށް ފަހު ވާދަކުރާއިރު، ޓީމުގެ ކެޕްޓަނަކީ އިބޫ އެވެ. އިބޫގެ އިތުރުން ދެން ޓީމުގައި ހިމެނެނީ އިސްމާއިލް ރަޝީދު (ސްމައިލީ) އާއި އަހްމަދު އާގިލް (އަންމަޑޭ) އަދި ހުސައިން ނާސިހު (ޗިކާ) އެވެ. މި މުބާރާތަށް ރާޅާ އެޅުންތެރިން ނެގީ މިދިޔަ ޖޫން މަހު "ޓްރަޔަލްސް 2019" އިންނެވެ.