07 ސެޕްޓެމްބަރ 2019 - 08:46

ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކުގައި މެދުއުމުރުގެ މީހުން އެންމެ ގިނައިން މަރުވަނީ ކެންސަރު ބަލީގައި ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ދަ ލާންސެޓް މެޑިކަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި ބުނި ގޮތުގައި ތަރައްގީވެފައިވާ ގައުމުތަކުގައި ކުރިން ގިނަ މީހުން މަރުވާ ބަލިތަކުގެ ކުރީގައި ހިތުގެ ބަލިތައް އޮތް ނަމަވެސް މިހާރު އެ ޓްރެންޑް ބަދަލުވެ، އެންމެ ގިނަ ބަޔަކު މަރުވަނީ ކެންސަރު ބަލީގަ އެވެ.
އެގޮތުން ތަރައްގީވެފައިވާ ގައުމުތަކުގެ މެދުއުމުރުގެ މީހުން ކެންސަރު ބަލީގައި މަރުވުމުގެ ފުރުސަތު 2.5 ގުނަބޮޑު ކަމަށް ވެސް ބުންޏެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި މުޅި ދުނިޔެ އަށް ބަލާއިރުއި މެދުއުމުރުގެ މީހުން އެންމެ ގިނައިން މަރުވަނީ ހިތުގެ މައްސަލަތަކުގަ އެވެ. އޭގެ ތެރޭގައި ސްޓްރޯކް ޖެހުން ހިމެނެ އެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކާއި އިގުތިސާދީ ދުވެލި މަޑު ގައުމުތަކުގެ މީހުން ހިތުގެ އެކި ކަހަލަ ބަލިތަކުގައި މަރުވުމުގެ ފުރުސަތު 3.5 ގުނަ ބޮޑު ކަމަށް ވެސް ދިރާސާގައި ބުންޏެވެ.
ކެނެޑާގެ މެކްމާސްޓާ ޔުނިވަސިޓީން މި ދިރާސާ ހަދާފައި ވަނީ އެވްރެޖް އުމުރު 50 އަހަރުގައި ހުރި މީހުންގެ ސިއްހީ ރެކޯޑްތައް 2005-2016 އަށް އެނަލައިޒްކޮށްގެންނެވެ. އެގޮތުން ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ކުޑަ އާމްދަނީ ލިބޭ އަދި ތަނަވަސްކަން ކުޑަ ގައުމުތަކުގެ 40 ޕަސަންޓް މީހުން މަރުވާ މައިގަނޑު އެއް ސަބަބަކީ ހިތުގެ ބަލިތައްކަން ފާހަގަކުރެވިފައިވެ އެވެ.
ދިރާސާ ޓީމުން ބުނި ގޮތުގައި ތަރައްގީވެފައިވާ ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި މެދުގައި ސިއްހީ ދާއިރާ އިން ހުރި ފަރުގަތަކުގެ މައިގަނޑު އަސްލަކީ ތަރައްގީވެފައިވާ ގައުމުތަކުން ލިބޭ ސިއްހީ ފަރުވާތައް ރަނގަޅުވުމެވެ.