21 ސެޕްޓެމްބަރ 2016 - 06:29

ސަލާމަތީ ކަންކަމުގައި ބާޒު ބޭނުންކުރީ މާކުރީ ޒަމާނެއްގައި ނަމަވެސް ނެދަލެންޑްސް ފުލުހުން މި ޒަމާނުގެ މައްސަލައެއް ހައްލުކުރުމަށް އިހުގެ ގޮތެއް ބޭނުންކުރަން ފަށައިފި އެވެ. އެކި ފާޑުގެ ޑްރޯންތައް ގިނަވެ ސަލާމަތީ ގޮތުން ނުރައްކާވާ ހިސާބަށް ގޮސްފައި ވާތީ، މަނާ ސަރަހައްދުތަކުގައި އުދުހޭ ޑޯންތައް ޖަހައިގަނެ ފުލުހުންނާ ހަމަޔަށް ގެންނަން ބާޒު ފޮނުވަނީ އެވެ.

"މިއީ ހައި-ޓެކް މައްސަލައެއް ހައްލުކުރުމަށް ބޭނުންކުރާ ލޯ-ޓެކް އުކުޅެއް،" ނެދަލެންޑްސް ފުލުހުންގެ ތަރުޖަމާނު ޑެނިސް ޖަނޫސް، ބާޒުތައް ގޮސް ޑްރޯން އަތުލައިގަންނަ ގޮތް ދައްކާލަމުން ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.
ޑްރޯން ހުއްޓުވަން ބާޒު ބޭނުންކުރަން ރަސްމީކޮށް ފެށުމުގެ ކުރިން ފުލުހުން މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އަންނަނީ އަޖުމަ ބެލުމުގެ ގޮތުން ބާޒު ބޭނުންކުރަމުންނެވެ. ފުލުހުން ބުނީ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.
ފުލުހުން ބުނީ ޑްރޯން އެރުވުން މަނާ ހިސާބަކުން ޑްރޯން އުދުހޭތަން ފެނިއްޖެ ނަމަ ނުވަތަ ޑްރޯންއަކުން އާންމުންނަށް ނުރައްކާވާ ފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ފެންނަ ހާލަތަތްކުގައި ޑްރޯން ހުއްޓުވަން ފޮނުވާނީ ބާޒު ކަމަށެވެ.
ޑްރޯން އަތުލައިގަތުމުގައި ބާޒުތައް 100 ޕަސެންޓް ކާމިޔާބު ކަމަށާއި ބާޒުތަކުގެ ކިބައިން އެންމެ ޑްރޯންއަކަށް ވެސް ސަލާމަތް ނުވެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މިކަމުގެ ތެރޭގައި ބާޒަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
"ބާޒު ދެކޭނީ އޭގެ ޝިކާރައެއްގެ ގޮތުގައި. އުދުހިފައި ގޮސް ވަކިތަކުން ޑްރޯން ހިފެހެއްޓުމަށް ފަހު ރައްކާތެރި ކަމަށް އެސޮރަށް ފެންނަ ތަނަކަށް ޑްރޯން ހިފައިގެން ޖައްސާނެ."
ނެދަލެންޑްސް ފުލުހުން އަދި ބޭނުންކުރަނީ ދޫނި ސަޕްލައިކުރާ ކުންފުންޏަކުން ކުއްޔަށް ގެނެސްގެން ގެންގުޅޭ ބާޒުތަކެކެވެ. އެކަމަކު ބާޒު ގަނެ، މިހާރު ފަސް މަސް ވެފައިވާ ބާޒު ފުލުހުންގެ އަތުގައި އެބަހުއްޓެވެ. ފަހުން ބޭނުންކުރާނީ ފުލުހުންގެ އަމިއްލަ ބާޒު ލަޝްކަރެއް ކަމަށް ބުނެފައިވެ އެވެ.